އިޖުތިމާޢީ ރައްކާތެރިކަމުގެ ހަރުދަނާ ނިޒާމެއް އުފެއްދުމަކީ، އިންސާފުވެރި ބަދަލަކަށް ލާޒިމުކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ބައިނަލްއަޤުވާމީ އިޖުތިމާޢީ އަދާލަތުގެ ދުވަހުގެ މުނާސަބަތުގައި ހިއްސާކުރެއްވި ހާއްސަ މެސެޖެއްގަ އެވެ. ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ މެސެޖްގައި އިންސާފުވެރިކަމާއި، ހަމަހަމަކަމާއި، އަދާލަތު ކުރިއެރުވުމުގެ ޢަޒުމުގައި އެމަނިކުފާނު ހުންނެވިކަން ހާމަކުރެއްވިއެވެ. އަދި އިޖުތިމާޢީ އަދާލަތާއި ދެމެހެއްޓެނިވި ވެއްޓެއްގެ މައްޗަށް އެކުލެވިގެންދާ ދުނިޔެއެއް ޤާއިމުކުރުމަށް ކުރައްވާ މަސައްކަތުގައި ސާބިތުކަންމަތީ ދެމިހުންނެވިކަން ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސްގެ މެސެޖުގައި، މިއަހަރުގެ އިޖުތިމާޢީ އަދާލަތުގެ ދުވަހަށް އދއިން ކަނޑައަޅާފައިވާ ޝިއާރު، "ސްޓްރެންތެނިން އަ ޖަސްޓް ޓްރާންޒިޝަން ފޯ އަ ސަސްޓެއިނަބަލް ފިއުޗަރ" ނުވަތަ، ދެމެހެއްޓެނިވި މުސްތަގުބަލަކަށް ހަމަހަމަކަމާ އެކު ވާސިލުވުން ހަރުދަނާކުރުމުގެ ޝިއާރަކީ ރާއްޖެ ފަދަ ކުޑަ ގައުމެއްގެ ގައުމީ އަހައްމިއްޔަތުތަކާއި ބައިނަލްއަޤުވާމީ އުންމީދުތަކާ ގުޅިލާމެހިފައިވާ ޝިޢާރެއްކަން ފާހަގަކުރެއްވި އެވެ. މީގެ އިތުރުން އިގުތިސާދީ ތަރައްގީގެ ހަލުވި ފިޔަވަޅުތަކާ އެއް ހަމައެއްގައި ދެމެހެއްޓެނިވި ވެއްޓެއް ކަށަވަރުކުރުމުގައި ހުރި ގޮންޖެހުންތަކަށް މި ޝިޢާރުން އިޝާރާތްކުރާކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސްގެ މެސެޖްގައި 2024 ވަނަ އަހަރުގެ ޖުލައި މަހު، ގްލޯބަލް ކޯލިޝަން ފޯ ސޯޝަލް ޖަސްޓިސްގެ މެންބަރުކަން ރާއްޖެއަށް ލިބުނުކަން ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، ރާއްޖެއިން މަސައްކަތްކުރާނީ އިޖުތިމާޢީ ވިލުންތެރިކަން އިތުރުކޮށް، އެކި ސިނާއަތްތަކުގެ މެދުގައްޔާއި ސިޔާސަތުތައް އެކުލަވާލުމުގައި އެއްބާރުލުން އިތުރުކޮށްގެން ކަމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ތަރައްޤީގެ މިސްރާބާއި އިޤްތިޞާދީ ކުރިއެރުމަށް ސަރުކާރުން އުންމީދުކުރާ އިސްލާހުތަކަށް އިޝާރާތްކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މިސަރުކާރުގެ އަމާޒަކީ ހުރިހާ ރައްޔިތުންގެ ދިރިއުޅުން ފަހިކުރުމަށް މަސައްކަތްކޮށް، މޫސުމީ ބަދަލުތަކުން މިޖަޒީރާތަކަށް ހުރި ހިރާސް ދެނެގަނެ ތިބެގެން، ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުން ކަމަށެވެ. މިރޮނގުން، ރަސްމާލެ މަޝްރޫޢު ވެގެންދާނީ ފުރަތަމަ އިކޯ ސިޓީއަށް ކަމަށާއި، އެއީ، ގެދޮރުވެރިކަމާއި އިގުތިސާދީ ފުދުންތެރިކަން އިތުރުކޮށްދިނުމުގައި ދެމެހެއްޓެނިވި މިންގަނޑުތައް ގެންގުޅުމުގެ ނަމޫނާއަކަށް ވެގެންދާނޭކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.ރައީސް މުޢިއްޒު ވިދާޅުވީ، ލޯ ކާބަން އިކޮނޮމީއަކަށް ވާސިލުވާން ކުރާ މަސައްކަތްތަކަކީ އެންމެން ޝާމިލުކުރާ އަދި އެންމެންނަށް މަންފާ ލިބޭ މަސައްކަތަކަށް ވާން ޖެހޭނެ ކަމަށެވެ. ރާއްޖޭގެ އެނަރޖީ ރޯޑްމެޕް 2023-2024 ގައިވާ ލަނޑުދަނޑިތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ މިންތީގެ ހަމަހަމަކަމާއި އިޖުތިމާޢީ ބައިވެރިވުން ކަށަވަރުކުރުމަށްޓަކައި، އިގުތިސާދީ، އިޖުތިމާޢީ، ތަޢުލީމީ، މަސައްކަތްތެރިކަން އަދި ތިމާވެއްޓާ ގުޅުންހުރި ސިޔާސަތުތަކުގައި ވެސް، އެންމެން ޝާމިލުކުރުމުގެ ވިސްނުން އިސްކުރައްވާފައިވާ ކަމަށެވެ.

އަންހެނުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ޒުވާނުންނާއި، އިސްވާރުންގެ ބައިވެރިވުން ކަށަވަރުކޮށްދޭނޭ ފުރުސުތުތައް އުފެއްދުމުގެ މުހިންމުކަން ދެނެވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އިޖުތިމާޢީ ރައްކާތެރިކަމުގެ ހަރުދަނާ ނިޒާމެއް އުފެއްދުމަކީ، އިންސާފުވެރި ބަދަލަކަށް ލާޒިމުކަމެއް ކަމަށެވެ. އެގޮތުން، ބޭރުން އަންނަ ލޮޅުންތަކާއި، އިޤްތިޞާދީ ހިރާސްތަކާއި މޫސުމީ ގޮންޖެހުންތަކުން މުޖުތަމަޢު ހިމާޔަތްކޮށްދިނުމުގައި އިޖުތިމާއީ ރައްކާތެރިކަމުގެ ހަރުދަނާ ނިޒާމުތަކުން އަދާކުރާނޭ ދައުރު ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. ރައްޔިތުންނަށް އިސްކަންދީގެން، ރައްޔިތުންނާ ގާތުން ވެރިކަން ކުރުމަށް މި ސަރުކާރުން ދޭ ސަމާލުކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، އާދަކާދަތަކުން ލިބޭ ޢިލްމާއި ހިލްމުގެ މައްޗަށް ބަރޯސާވާ ލާމަރުކަޒީ ހައްލުތަކެއް ހުރިހާ ފެންވަރެއްގައި ވެސް ބޭނުންކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މި މަސައްކަތްކުރައްވާނީ ޒަމާނީ ފަންނިއްޔާތުގެ އެހީގައި ސްމާޓް އަދި ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރު ވާނޭ ފަދައިން، މި މުޖުތަމަޢަށް ޑިޖިޓަލް ބަދަލެއް ގެނެސްގެންކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެންމެންނަށް އަދުލުވެރި މުސްތަޤުބަލެއް ކަށަވަރު ކުރެވޭނީ އެކުގައި މަސައްކަތްކޮށްގެންކަމަށެވެ. އަދި އާދަކާދައިން ފެންނަ ފަދަ އިޖުތިމާޢީ ރޫޙު އާލާކޮށް، މާޒީގެ ތަޖުރިބާތަކުން ދަރުސް ލިބިގަނެ، އެއިން ހިތްވަރު ހޯދައިގެން މާދަމާ އުޖާލާ ކުރެވޭނޭ ކަމަށް ރައީސް މުޢިއްޒުގެ މެސެޖްގައި ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން