ދެ ޤައުމުގެވެސް ކުރިއެރުމާއި ފާގަތިކަމަށްޓަކައި ރާއްޖެއާއި ލަންކާއާ ދެމެދު އޮތް ގުޅުން ކުރިއަށްއޮތްތަނުގައިވެސް ބަދަހިކުރައްވާނެކަމަށް ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ރައީސް ދިސާނަޔަކަ މިހެން ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު އެމަނިކުފާނުގެ އަރިއަހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތަށްފަހު ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ވަނީ، ލަންކާއަށް އަންނަމުންދާ ހެޔޮ ބަދަލުތަކާއި އެމަނިކުފާނަށް ލަންކާގެ ރިޔާސީ އިންތިޚާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރައްވައި ވިދާޅުވި ހެޔޮ ބަސްފުޅުތަކަށްޓަކައި ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލަށް ޝުކުރު އަދާކުރަށްވާފައެވެ. އަދި ދެ ޤައުމުގެވެސް ކުރިއެރުމާއި ފާގަތިކަމަށް ރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ގުޅުން ދެ ޤައުމުން ގުޅިގެން އިތުރަށް ބަދަހިކުރައްވާނެކަމަށް ލަންކާގެ ރައީސް ދިސާނަޔަކަ ވިދާޅުވިއެވެ.



މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ދިވެހި ރައްޔިތުންގެ ފަރާތުން ލަންކާގެ ސަރުކާރާއި އެޤައުމުގެ ރައްޔިތުންނަށް ހެޔޮ އެދުންތައް ޚާރިޖީ ވަޒީރު ވަނީ ރައްދު ކުރަށްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ސްރީލަންކާ އާއި ރާއްޖޭގެ ގުޅުމުގައި ހިމެނޭ މުހިންމު ދާއިރާތައް ޚާރިޖީ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް ސްރީލަންކާއިން ވެދޭ އެހީތެރިކަން ޚާރިޖީ ވަޒީރު ޑރ. ހަލީލް ވަނީ ފާހަގަކުރައްވާފައެވެ.

ބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރުގެ އަރިހުގައި ރާއްޖޭގެ ފޮރިން ސެކެރެޓަރީ ފާތިމަތު އިނާޔާއާއި ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު މައްސޫދު އިމާދާއި ޚާރިޖީ ވުޒާރާގެ އެޑިޝަނަލް ސެކެްރެޓަރީ އައިމިނަތު ޢަބްދުﷲ ދީދީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ސްރީ ލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފޭއަރޒް، ފޮރިން އެމްޕްލޯއިމެންޓް އެންޑް ޓުއަރިޒަމް ވިޖީތާ ހެރަތުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން