ދިވެހި އުފެއްދުންތަކަށް ބައިނަލްއަޤްވާމީ މާކެޓުން ޖާގަ ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަމުންދާކަމަށް އިކޮންމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސަޢީދު މިހެން ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު ޤާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކުންފުންޏެއްކަމަށްވާ އެންސިސް ފިޝަރީޒްގެ އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމާއި ގުޅިގެން އެކަމަށް އިޝާރަތްކުރަށްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޗައިނާގެ ބެއިޖިންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމަކީ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑްގެ ދަށުން ޤާއިމްކުރި އެއްބަސްވުމެކެވެ. މި އެއްބަސްވުމާއެކު އެންސިސް ފިޝަރީޒްއިން އުފައްދާ މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ދަޅުމަހާއި، ފިނިކުރި ރޯމަސް ފަދަ ބާވަތްތައް ހިމެނެއެވެ.

އެކަމަށް އިޝާރަތް ކުރަށްވައި އިކޮންމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ ދިވެހީންގެ އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުން ފަސޭހަކަމާއިއެކު ޖާގަ ލިބި ލުއިގޮތްތައް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ރައީސް ކުރައްވާ މަސައްކަތްޕުޅާ އެމަނިކުފާނު އަޅުއްވަމުންގެންދަވާ އަވަސް ފިޔަވަޅުތަކުގެ ނަތީޖާ ދަނީ ފެންނަމުންކަމަށްވެސް މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން