މާދަމާއިން ފެށިގެން މާލޭގެ 13 ސަރަހައްދަކުން މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމައިފިއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޭގައި ގިނަ ބަޔަކު ކިއުގައި ތިބެން ޖެހުމުން އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.

އެހެންވެ، މަސްދަޅު ބެހުމުގައި އުޅޭ މީހުން އިތުރުކޮށް، އިންތިޒާމުތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ. އެގޮތުން، މަސް ދަޅު ބެހުމަށް މާލެ ސަރަހައްދުގައި 13 ތަނެއް ހަމަޖައްސާފައިވާ ކަން އާދަމް ޝަރީފް ވިދާޅުވިއެވެ.

މި ތަންތަނުގެ ތެރޭގައި ހިމެނެނީ:

- ގަލޮޅު ދަނޑުގެ 4 ފަރާތުގެ ސިޑި ބަރި ކައިރި

- ސޯޝަލް ސެންޓަރު

- ހެންވޭރު ދަނޑު

- މިފްކޯގެ އޮފީސް ހުންނަ ސަރަހައްދު

- އެމްޓީސީސީ ސޯމިލް

- ވިލިމާލެ ވެމްކޯ ސައިޓް

- ހުޅުމާލެ، އުމަރު ޒާހިރު ބިލްޑިން

- ހުޅުމާލެ، ހިޔާ ޓަވަރު 10 ގައި ހުންނަ ޔޫތު ސެންޓަރު

- ހުޅުމާލެ ފޭސް 1 އަދި 2 ގައި އިތުރު ދެ ތަން

މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ކޮންމެ ތަނެއްގައި ފަސް މޭޒު ބޭނުންކޮށްގެން ބެހުމުގެ ކަންކަން ކުރިއަށް ދާނެ ކަމަށާއި، ހޫނު ގަދަވުމުން ދުވާލު ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ނުގެންދާނެ ކަމަށެވެ. އާދަމް ޝަރީފް ވިދާޅުވީ ދިގު ކިއޫއަށް ނޭރިޔަސް، ކުރިއަށް އޮތް ދުވަސްތަކުގައި ރޯދަ ހަދިޔާ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ފެބްރުއަރީ 28 ގެ ނިޔަލަށް މިކަން ކުރިއަށް ދާނެ ކަމަށް ކުރިން އިއުލާން ކުރި ނަމަވެސް ހުރިހާ ގޭބިސީއަކަށް ލިބެންދެން މިކަން ކުރިއަށް ގެންދާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އެސްޓީއޯ މެދުވެރިކޮށް މާލޭގެ ރައްޔިތުންނަށް މަސްދަޅު ބަހާއިރު، ކޮންމެ ގޭބީސީއަކަށް ވެސް 48 ދަޅުގެ މަސްކޭހެއް ދޫކުރާނެއެވެ. މަސްދަޅު ބަހަނީ ކަރަންޓު މީޓަރު ނަންބަރަށް ކަމަށްވާއިރު މަސްދަޅު ކޭސް ބަލާ ދާ މީހާ އައިޑީ ކާޑާއި ކަރަންޓު މީޓަރު ނަންބަރު ގެންދަން ޖެހޭނެ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓްރީ އިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން