އެމްޑީޕީ ސަރުކާރުގައި ނެގި ލޯނުތަކުން ރާއްޖެ އަދިވެސް މި އުޅެނީ އަރައިނުގަނެވިގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ރަމަޟާން މަހާއި ގުޅުވައި ސަރުކާރުން ބަހަމުންދާ މަސްދަޅު ކޭސް ލިބިގަތުމަށް ރައްޔިތުން ދިގު ކިއުތައް ހަދަން ޖެހުމުން، އެކަމަށް އެމްޑީޕީން ދަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔަމުންނެވެ. އެމްޑީޕީން ބުނަމުންދަނީ ސަރުކާރުން އުޅެނީ ރައްޔިތުން ލައްވާ ސަލާންޖަހުވަން ކަމަށާއި ސަރުކާރުގެ ވެރިން ބޭނުންވަނީ އެ މަންޒަރު ބަލަން ކަމަށެވެ.

އެމްޑީޕީގެ ލީޑަރޝިޕުން ދައްކަމުންދާ އެ ވާހަކަތަކާ ގުޅިގެން ޝުޖާ އެކްސްގައި ވިދާޅުވީ، މި ސަރުކާރުން މަސްދަޅު ބެހުމަކީ އެމްޑީޕީން ކޮވިޑު ދުވަސްވަރު ރައްޔިތުންނަށް އޮޅުވާލަން ރިސޯޓުތަކުގައި ކަރަންޓީނު ކުރިގޮތަށް ކުރާކަމެއް ނޫންކަމަށެވެ. އަދި ރިސޯޓުތަކުގައި ލޮކުކޮށްފައި ރައްޔިތުން ބެއިތިއްބީ އޭގެފަހަތުގައި ކޮންކަމެއް ކުރުވަންކަން ދައުލަތުގެ މާލީ ހިސާބުތަކުން މިހާރު އެބަ އެނގޭކަމަށް ވެސް ޝުޖާ ވަނީ ވިދާޅުވެފައެވެ.



ޝުޖާ ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ކޮވިޑު ދުވަސްވަރު ދިނީ ލުޔެއް ނޫންކަމަށާއި ޖެއްސީ "ބަލާ މުސީބާތް" ކަމަށެވެ. އަދި ހިސާބު އަކުރު ދޮގެއް ނުހަދާނެކަމަށާއި ރާއްޖެ އަދިވެސް މިއުޅެނީ ކޮވިޑު ދުވަސްވަރު އެމްޑީޕީ ސަރުކާރުން ނެގި ލޯނުތަކުން އަރައި ނުގަނެވިގެންކަމަށް ވެސް ޝުޖާ ވިދާޅުވިއެވެ.

އެކްސްގައި ކުރެއްވި އިތުރު ޕޯސްޓެއްގައި ޝުޖާ ވިދާޅުވީ، އެ ހުރިހާ ލޯނެއް ނެގިނަމަވެސް މި ސަރުކާރުން މި ދަނީ ފަހަރަކު ލޯނަކުން އަދާ ކުރަމުންކަމަށާއި އެކަމަކު އެއީ ފައިސާ ޗާޕު ނުކޮށްކަމަށެވެ.

އަދި ރައްޔިތުންގެ ޖީބަށް ލުޔެއް ލިބޭ ކޮންމެކަމެއް ސަރުކާރުން ކުރަން އުޅޭއިރަށް އިދިކޮޅު ފަރާތްތަކުގެ ލޮލަށް ނިދި ނައިސްގެން މި އުޅެނީ ކީއްވެބާއޭ ހިތަށް އަރާކަމަށް ވެސް ޝުޖާ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން