މަރްޔަމް ނަހްދާ ވަޙީދު   22 ފެބްރުއަރީ 2025 - 15:18
ތާނަ ފޮންޓު "މައުމޫން" ލޯންޗު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ސޯޝަލް މީޑިއާ
ތާނަ ފޮންޓު "މައުމޫން" ލޯންޗު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ސޯޝަލް މީޑިއާ
ގައުމު ރަމްޒުކޮށްދޭ އެއްޗަކީ އެގައުމެއްގެ ބަސް ކަމަށްވާތީ ގައުމު ތަރައްގީ ވާނީ ބަސް ތަރައްގީވެގެން ކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ އެމަނިކުފާނު އަތުލިޔުއްވުން އަސްލަކަށް ބަލައިގެން އުފެއްދި ތާނަ ފޮންޓު ތައާރަފް ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ދިވެހިންގެ މާދަރީ ބަހަކީ ދިވެހި ބަސް ކަމަށާއި، މި ބަސް ދިރުވައި ކުރިއަރުވަން އަބަދުވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ދިވެހި ފޮންޓެއް އުފެއްދުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމަކީ ވަރަށް ފަހުރުވެރިވާ ކަމެއް ކަމުގައިވެސް ރައީސް މައުމޫން ވިދާޅުވިއެވެ.

އަދި ގައުމު ތަރައްގީކޮށް ކުރިއެރުވުމަށް ކޮންމެ މީހަކުވެސް މަސައްކަތް ކުރަންޖެހޭ ކަން ފާހަގަ ކުރައްވަމުން މައުމޫން ވިދާޅުވީ އެމީހެއްގެ މަގާމާއި ހުނަރުތައް ބޭނުން ކޮށްގެން ގައުމަށް ހިދުމަތް ކޮށްދޭން ޖެހޭ ކަމަށެވެ.

ރައީސް މައުމޫނުގެ އަތުލިއުއްވުން އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފޮންޓު "މައުމޫން" ލޯންޗުކޮށްފައިވަނީ މާދަރީ ބަހުގެ ދުވަހުގައެވެ. މި ފޮންޓު ލޯންޗުކޮށްފައިވަނީ މައުމޫން ފައުންޑޭޝަނާއި އަކުރު ޓައިޕް ގުޅިގެންނެވެ.

މި ފޮންޓު އާންމުންނަށް ދައްކާލުމުގެ ގޮތުން މިއަދު ހެނދުނުން ފެށިގެން އާރޓް ގެލެރީގައި މައުރަޒެއް ކުރިއަށް ދާނެއެވެ. މައުމޫން ފައުންޑޭޝަނުން ބުނެފައިވަނީ ހެނދުނު 10:00 އިން ރޭގަނޑު 11:00 އަށް މި މައުރަޒަށް އާއްމުންނަށް ޒިޔާރަތްކުރެވޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން