ޖަޕާނުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، ޖަޕާނުގެ އެމްޕެރާ ނަރުހިތޯ އަދި ބޮޑުވަޒީރު ޝިގެރޫ އިޝިބާއަށާއި، ޖަޕާނުގެ ސަރުކާރަށާއި، އެގައުމުގެ ރައްޔިތުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ރާއްޖެ އާއި ޖަޕާނާ ދެމެދުގައި އޮތް ޒަމާންވީ ރަޙްމަތްތެރިކަމުގެ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގާތްގުޅުން ބިނާވެފައި ވަނީ އެއް ގައުމު އަނެއް ގައުމަށް ކުރާ އިހްތިރާމާއި އިތުބާރުގެ މައްޗަށްކަން ރައީސްގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

މި މެސެޖުގައި ރާއްޖޭގެ ތަރައްގީއަށް ޖަޕާނުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވާފައިވެއެވެ.

‏‎ރައީސްގެ މެސެޖުގައި ވަނީ ޖަޕާނުގެ އެމްޕެރާއާއި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކާއި އުފާފާގަތިކަމާއި، ޖަޕާނުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ.

ޖަޕާނުގައި ގައުމީދުވަސް ފާހަގަ ކުރަނީ، އެ އިރެއްގައި ޖަޕާނުގެ އެމްޕެރާގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ އުފަންދުވަހާ ގުޅުވައިގެންނެވެ. އެގޮތުން މިހާރު ޖަޕާނުގެ ގައުމީ ދުވަސް ފާހަގަކުރަނީ ފެބުރުވަރީ 23 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން