ޝާން މުހައްމަދު   23 ފެބްރުއަރީ 2025 - 16:24
އައްޑޫ ސިޓީ ހުޅުދޫގެ ގުދަނެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފުން ހަރަކާތްތެރިވެއްޖެއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ހުޅުދޫ ގުދަނުގައި އަލިފާން ރޯވެގެން މެންދުރު 12:09 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެމްއެންޑީއެފްގެ އަލިފާންނިއްވާ ބޭކަލުން ކުރި މަސައްކަތުން ގުދަނުގައި ރޯވެފައި ހުރި އަލިފާން އެއްކޮށް ނިއްވާލެވުނީ މިއަދު 13:00 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަލިފާން ރޯވި މި ގުދަނުގެ ދެބައިކުޅަ އެއްބައިގައި ރައްކާކޮށްފައި ހުރީ ލަކުޑި އެވެ. އަދި އަނެއްބައިގައި ކެއްކުމަށް ބޭނުންކުރާ ގޭސް ފުޅިއާއި، ގަސްކާނާ ފަދަ ތަކެތި ރައްކާކޮށްފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ ލަކުޑި ރައްކާކޮށްފައިހުރި ބައިގައި އަލިފާނުގެ ހާދިސާ ހިނގިއިރު، މި ލަކުޑިތައް ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ. އަދި ގުދަނުގެ އަނެއް ބަޔަށް އަލިފާނުގެ އަސަރު މާ ބޮޑަށް ކޮށްފައެއް ނުވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވިކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން