އެމްޑަބްލިއުއެސްސީ ބިލްޑިން- ފޮޓޯ: ގޫގުލް
އެމްޑަބްލިއުއެސްސީ ބިލްޑިން- ފޮޓޯ: ގޫގުލް
މޯލްޑިވްސް ވޯޓަރ އެންޑް ސުވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ އެޕު މެދުވެރިކޮށް މި ރަމަޟާން މަހު ބިލް ދައްކާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ތިން ފަރާތަކަށް އުމްރާ ދަތުރެއް ލިބުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ މި އަހަރަކީ އެ ކުންފުންޏަށް 30 އަހަރު ފުރޭ އަހަރު ކަމުގައި ވުމުން، އެ މުނާސަބާ އަދި ރަމަޟާން މަހާ ގުޅުވައިގެން "އެކުވެރި ރޯދަ 30" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށާފައިވާ ކަމަށެވެ.

އެގޮތުން މި ޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް އުމްރާ ދަތުރުތައް ލިބުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެ ކުންފުނިން ބުނީ މި ޕްރޮމޯޝަންގެ މަގްސަދަކީ ރޯދަ މަހާ ގުޅުވައިގެން އެމްޑަބްލިއުއެސްސީގެ ކަސްޓަމަރުންނަށް ފަހި ފުރުސަތުތަކެއް ތަނަވަސްކޮށްދީ، ވީހާވެސް ގިނަ ކަސްޓަމަރުން އެމްޑަބްލިއުއެސްސީގެ އެޕަށް އަހުލުވެރިކޮށް، އެޕް ބޭނުން ކުރާ ކަސްޓަމަރުންގެ އަދަދު އިތުރު ކުރުން ކަމަށެވެ.

އަދި ބިލްދެއްކުމަށް ކައުންޓަރުތަކަށް އައުމުގެ ބަދަލުގައި އެޕް ފަދަ ޒަމާނީ ވަސީލަތްތައް ބޭނުން ކުރުމަށް އާންމުންނަށް ބާރު އެޅުމާއި، ކައުންޓަރުގެ ބަދަލުގައި އެޕުން ބިލް ދައްކައިގެން ވަގުތު ސަލާމަތް ކުރުމާއި، އެމްޑަބްލިއުއެސްސީގެ ހިދުމަތްތައް ޑިޖިޓަލައިޒް ކޮށް ފަސޭހަ ކޮށް ޒަމާނީ ފެންވަރަށް ކުރިއެރުވުމަކީވެސް މި ޕްރޮމޯޝަންގެ މަގްސަދެއް ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ 1 މާރިޗު 2025 އިން 31 މާރިޗު 2025 ގެ ނިޔަލަށެވެ.

ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އެމްޑަބްލިއުއެސްސީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށެވެ. މީގެ އިތުރުން ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި އެމްޑަބްލިއުއެސްސީގެ އެޕް މެދުވެރިކޮށް ބިލަށް ފައިސާ ދައްކާ ކަސްޓަމަރުންނާއި، އަދި ޕްރޮމޯޝަންގެ މުއްދަތު ހަމަވާއިރު ފައިސާ ދެއްކުމުގެ މުއްދަތު ހަމަވެފައިވާ އެއްވެސް ފެން ބިލެއް ނުވަތަ އަދަދެއް ނުދައްކާ ނެތް ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

ގުރުއަތުން ހޮވޭ ނަސީބުވެރި 3 ފަރާތަށް ލިބޭ އުމްރާ ދަތުރު، އިއުލާންކުރާ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ބޭނުންކުރަންވާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފައި ވެއެވެ.

އަދި އުމްރާ ދަތުރު ލިބޭ ފަރާތަށް އެ ދަތުރު ބޭނުން ނުކުރެވޭނަމަ، އެހެން މީހަކަށް ބަދަލުކުރުމުގެ ފުރުސަތު ދެވޭނެ ކަމަށްވެސް އެމްޑަބްލިއުއެސްސީން ވަނީ ހާމަކޮށްފައެވެ.

ގުރުއަތުން ހޮވޭ ފަރާތްތައް ރަސްމީކޮށް އިޢުލާންކުރެވޭނީ އެމްޑަބްލިއުއެސްސީގެ ސޯޝަލް މީޑިއާ، ވެބްސައިޓް އަދި ކަސްޓަމަރުންނާ މައުލޫމާތު ފޯރުކޮށްދޭ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށެވެ.

އަދި ގުރުއަތު ނަގަން ހަމަޖެހިފައިވާ ތާރީހު ކަސްޓަމަރުންނާ ފަހުން ހިއްސާކުރެވޭނެ ކަމަށްވެސް އެމްޑަބްލިއުއެސްސީން ބުނެފައިވެއެވެ.

މި ޕްރޮމޯޝަނާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން އެމްޑަބްލިއުއެސްސީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުއްވުމަށް ނުވަތަ 1050 އަށް އެސްއެމްއެސް ފޮނުއްވުމަށް ނޫންނަމަ ތިރީގައިވާ މެއިލް އަށް އީމެއިލް ކުރެއްވުމަށް އެމްޑަބްލިއުއެސްސީން އެދިފައިވެއެވެ.

[email protected]



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން