ސިޔާސީ މައިދާނުގައި ހިޔާލު ފާޅުކުރުމަކީ މުހިންމު ކަމެއް ކަމުގައި ވީ ނަމަވެސް ސިޔާސީ ބޭފުޅުންގެ އާއިލާއާ ބެހި ކުޑަކުދިންނަށް ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފިއެވެ.

ޑިމޮކްރެޓްސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމުގައި އާއިލާއާއި ޒާތީކަންކަމާ ބެހުން އަދި ވެސް އިސްކުރަމުން ގެންދާ ގެންދިއުމުގެ ސަގާފަތް ފެންނަމުންދާތީ އެކަމާ އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

ސީޔާސީ މައިދާނުގައި ހިޔާލުފާޅުކުރުމާއި ފާޑުކިޔުމަކީ އެންމެ އެދިވިގެންވާ އަދި ސިޔާސީ ފަރާތްތައް ޒިންމާދާރުކުރުވުމަށް މުހިއްމުކަމެއްކަމަށް ޑިމޮކްރެޓްސް އިން ވަނީ ބުނެފައެވެ. އެހެންނަމަވެސް، ސިޔާސީ ފަރާތްތަކުގެ އާއިލާގެ އެހެން މީހުންނަށާއި ހާއްސަކޮށް ޅަ ދަރީންނަށް ގޯނާކޮށް ފުރައްސާރަކުރުމަކީ ތަސައްރުފުދިފައިވާ ސިޔާސީ ވެއްޓެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޑިމޮކްރެޓްސްއިން ވަނީ ބުނެފައެވެ.

ޑިމޮކްރެޓްސްއިން ބުނެފައިވަނީ މިފަދަ އަމަލުތައް ހިންގުމުން އަނެއްކާ އަލުން އެ ރައްދުވާ ފަރާތަކުން ވެސް ހަމަ އެގޮތަށް އަމަލުކުރުމަކީ ނިމުމެއް ނާންނާނެ ފިތުނައިގެ ހުޅުގަނޑަކަށް މުޖުތަމައު ވެގެންދާނެ ކަމެއް ކަމަށެވެ. އަދި މިފަދަ އަމަލުތަކަކީ ސިޔާސީ ކަންކަމެއް ނޫން ކަމަށާއި، އެއީ ސިޔާސީ ހައްގެއްވެސް ނޫން ކަމަށް ޑިމޮކްރެޓްސް އިން ވަނީ ބުނެފައެވެ.

މި ކަންކަމަށް ރަނގަޅު ހައްލެއްލިބި، ހަމަޖެހުންގާއިމުވާން އޮތީ އާއިލާ އާއި ޒާތީކަންކަން އެއްފަރާތްކޮށް ހަމައެކަނި ސިޔާސީ ކަންކަމަށް ނުވަތަ ސިޔާސީ މީހުން ގެންގުޅޭ ސިޔާސަތުތަކަށް އަމާޒުކޮށް ފާޑުކިޔަން ދަސްވުމުން ކަމަށް ޑިމޮކްރެޓްސްއިން ވަނީ ބުނެފައެވެ.

އަދި މުޖްތަމައުގައި އިތުރަށް ހުޅުގަނޑު ފަޅައިގެންގޮސް ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް ހުރިހާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުން މުހިއްމުކަމުގައި އެ ޕާޓީން ދެކޭ ކަމަށް ޑިމޮކްރެޓްސް އިން ބުނެފައި ވެއެވެ.

މީގެ އިތުރުން ޑިމޮކްރެޓްސްއިން ބުނީ ރާއްޖޭގެ މާލީ އަދި އިގުތިސާދީ ކަންކަމާއި އަދި އެނޫންވެސް ކަންކަމާގުޅޭ ބޮޑެތި މައްސަލަތައް ހުރިއިރު، މިވަގުތަކީ މިފަދަ މައްސަލަތަކާ މެދު އެންމެންވެސް ވާހަކަދައްކާ ހައްލުހޯދުން އަމާޒަކަށް ހަދަން ނުހަނު ބޭނުންތެރި ވަގުތެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން