އުލިމަގު ސިއްހީ މަރުކަޒުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
އުލިމަގު ސިއްހީ މަރުކަޒުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ހއ. އުލިގަމު ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމުގެ ގޮތުން އަލަށް އިމާރާތްކުރާ އެކްސްޓެންޝަން އިމާރާތުގެ ސީލިންގ އެޅުމުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އުލިގަމު ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، އެ ސިއްޙީ މަރުކަޒުގައި އަލަށް ބިނާކުރަނީ 5 އެނދުގެ ޖާގައިގެ އެކްސްޓެންޝަން އިމާރާތެކެވެ. މިއީ ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 14.32 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މުހިންމު މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ކުރިން ނިންމާފައިވާ މަސައްކަތްތަކަށް ބަލާއިރު، ޑިސެމްބަރު 2025 ގެ ނިޔަލަށް ވަނީ ގްރައުންޑް ފްލޯ ސްލެބް އެޅުމާއި ރޫފިންގ ބީމް ކޮންކްރީޓް ކުރުމުގެ މަސައްކަތްތައް އެއްކޮށް ނިންމާލާފައެވެ. އަދި އޭގެ ފަހުން، ސެޕްޓެމްބަރު 2026 ގެ އަދާހަމައަށް ބަލާއިރު އިމާރާތުގެ ފުރާޅުގެ އޮނިގަނޑު ހެދުމުގެ މަސައްކަތްތަކާއި، ފާރުތަކުގައި ސިމެންތި ޖެހުމުގެ (ޕްލާސްޓަރިންގ) ބޮޑު ބައެއް ވަނީ ފުރިހަމަކޮށްފައެވެ.

އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، މިހާރު ސައިޓުގައި އެންމެ ހަލުވިކަމާއެކު ކުރިއަށްދަނީ އިމާރާތުގެ އެތެރޭގެ ސީލިންގ އެޅުމުގެ މަސައްކަތްތަކެވެ. އަދި ވީ އެންމެ އަވަހަކަށް މަޝްރޫޢުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމައި، ސަރުކާރާ ޙަވާލުކުރުމަށްޓަކައި އެ ކުންފުނިން ދަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.

މި އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ނިމުމުން، އުލިގަމު ސިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ރަށުން ލިބޭ ސިއްޙީ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް