ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ޤައްޔޫމް، ފޮޓޯ: ގޫގުލް
ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ޤައްޔޫމް، ފޮޓޯ: ގޫގުލް
މުޖްތަމައުގެ ބަދަހިކަމަށްޓަކައި ކޮންމެ މީހަކުވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ޤައްޔޫމު ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ ރޭ މައުމޫން ފައުންޑޭޝަނުން ބޭއްވި އިހްޔާ ޖަލްސާގައި "އިޖާބަކުރަނިވި ދުޢާ" މި މައުޟޫއަށް ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސް މައުމޫން ވިދާޅުވީ ދުޢާކުރުމަކީ އިސްލާމްދީނުގެ ވަރަށް މުހިންމު ރުކުނެއްކަމަށާއި، އަޅުކަންކުރުމުގެ އެންމެ މުހިންމު ބަޔަކީ ދުޢާކުރުންކަމަށެވެ. އަދި ނަމާދަށް ބަލާލިނަމަވެސް ގިނައިން ހިމެނެނީ ދުޢާތައްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަދި ދުޢާކުރުމަކީ އިންސާނާގެ އީމާންކަން ސާބިތުކޮށްދޭ ކަމެއްކަމަށާއި، ދުޢާނުކުރާ މީހުންނަކީ އީމާންކަމުން ދުރަށް ޖެހިފައިވާ ބައެއްކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މާތްﷲ އެންގެވިގޮތަށް އުޅެ އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންވެ ނަހީކުރެއްވި ކަންތައްތަކުން ދުރުވެ، ސީދާމަގުގައި ފައިތިލަ ސާބިތުކޮށްގެން އުޅުމަކީ ދުޢާ އިޖާބަކުރެއްވުމުގެ ޝަރުތެއް ކަމަށެވެ. އަދި ދުޢާ އިޖާބަކުރައްވާނީ މާތްﷲ އަންގަވާފައިވާ ގޮތުގެ މަތިން ދިރިއުޅުން ބައްޓަންކޮށްގެން ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.

ރައީސް މައުމޫން ވިދާޅުވީ ބައެއް ކަހަލަ ދުޢާ ކުރުމުން ބައެއް ކަންތައްތައް ފުރިހަމަވާކަމަށް ފޮތްތަކުގައި ލިޔެފައި ހުންނަތަން ފެނިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް، މިފަދަ ހަގީގަތެއް ނެތް ވާހަކަތައް އަޑުއަހާ ގަބޫލްކުރާކަށް ނުވާނެކަމަަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިސްލާމްދީނުގައި އަމަލާ ނަތީޖާއާ އޮންނަނީ ގުޅިފައި ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ރަމަޟާންމަހުގެ ފަހު ދިހައެއްގެ މާތްކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ކޮންމެ މީހަކުވެސް ރަމަަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތަކާއި ރޭތައް ހެޔޮގޮތުގައި ވޭތުކުރެވޭތޯ މަސައްކަތް ކުރަން ޖެހޭކަމަށެވެ.

އެގޮތުން ނަމާދާއި ރޯދައާއި ކުރާ އެހެން ހެޔޮކަންތައްތައް އިތުރުކޮށް އެންމެންގެ މެދުގައި އެކުވެރިކަމާއި ބަދަހިކަން ފެތުރުމަށް މަސައްކަތްކުރަންޖެހޭ ކަމަށް ރައީސް މައުމޫނު ވަނީ ވިދާޅުވިއެވެ. އަދި ރަމަޟާންމަހުގެ ދުވަސްތަކާއި ރޭތަކަކީ މީހުންގެ މެދުގައި އެކަކު އަނެކަކަށް އަޅާލުމާއި، އެހީތެރިވުމާއި. ލޯބިވުމާއި ގުޅުންތައް އިތުރުކުރުމަށް ދެއްވާފައިވާ ފުރުސަތެއް ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.

އެހެންކަމުން މުޖްތަމައުގެ ބަދަހިކަމަށް ހުއްޓުމެއްނެތި މަސައްކަތް ކުރަން ޖެހޭކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން