މަރްޔަމް ނަހްދާ ވަޙީދު   10 އޭޕްރީލު 2025 - 12:3
ދަރިވަރުން އިމްތިހާނު ހަދަނީ، ފޮޓޯ: ކްލައުޑްފްރޮންޓު
ދަރިވަރުން އިމްތިހާނު ހަދަނީ، ފޮޓޯ: ކްލައުޑްފްރޮންޓު
މިއަހަރުގެ އޯލެވެލް އިމްތިހާނުގައި 8362 ދަރިވަރުން ބައިވެރިވި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

މިއަހަރުގެ ދިރާސީ އާ އަހަރާއެކު އޯލެވެލް އިމްތިހާނުވެސް ވަނީ ފަށާފައެވެ. ދައުލަތުގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި މިނިސްޓްރީން ބުނީ މިފަހަރު އޯލެވެލް އިމްތިހާނު 260 ސެންޓަރެއްގައި ކުރިއަށްދާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެސްއެސްސީ އިމްތިހާނުގައި ބައިވެރިވީ 7519 ދަރިވަރުން ކަމަށެވެ. އަދި ކެމްބްރިޖް އޯލެވެލް އިމްތިހާނުގައި 7666 ދަރިވަރުން ބައިވެރިވި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އޯލެވެލް އިމްތިހާނު ފެށިގެން ކުރިއަށް ދާއިރު، މި އަހަރުގެ އޯލެވެލް އިމްތިހާނު ނިމޭނީ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ.

2023 ވަނަ އަހަރު ސަރުކާރުން ވަނީ އޯލެވެލްގައި ބައިވެރިވުމުގެ އުސޫލުތަކަށް ބަދަލު ގެނެސްފައެވެ. އެގޮތުން އޯލެވެލް ހަދާ ދަރިވަރުން މަޖުބޫރު ހަތަރު މާއްދާގެ އިމްތިހާނުގައި ފުރިހަމައަށް ބައިވެރިވުމާއެކު އެ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކާގޮތަށް ވަނީ ހަމަޖައްސަވާފައެވެ. މަޖުބޫރު މާއްދާތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބެވެ. އަދި މޮކް އިމްތިހާނުން ފާސް ނުވިނަމަވެސް މަޖުބޫރު މާއްދާތަކުގެ އިމްތިހާނުގައި ބައިވެރިވުން ވަނީ ކޮންމެ ކުއްޖަކަށްވެސް ލާޒިމް ކޮށްފައެވެ.

މިބަދަލަކީ ވީހާވެސް ގިނަ ދަރިވަރުންނަށް އިމްތިހާނުގައި ބައިވެރިވުމުގެ މަގު ފަހިކޮށްދީ، ދަރިވަރުން ރަނގަޅު ނަތީޖާ ހޯދުމަށް ބާރު އެޅުމަށް ގެނައި ބަދަލެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން