އައްޑޫ ރައްޔިތުންގެ ޕްރެޝަރު ބޮޑުވެ، ގަމުގައި ހިންގަމުންދާ ދުވަސްވެ ވަރަށް ބޮޑަށް ހަލާކުވެފައިވާ އީކުއޭޓާ ވިލެޖުގެ އެކޮމޮޑޭޝަން އިމާރާތުގެ ކޮޓަރިތައް ހުސްކޮށްފިއެވެ.

އީކުއޭޓާ ވިލެޖުގެ އެކޮމޮޑޭޝަން އިމާރާތް ހުސްކޮށްފައި މިވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގައި ހިމެނޭ މަގެއް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހުރަހަކަށްވެފައިވާތީއެވެ.

މީގެ ކުރިން އީކުއޭޓާ ވިލެޖު ހިންގާ ކުންފުނިން ވަނީ މި އެކޮމޮޑޭޝަން ހުސްކުރުމަށްވެސް އަދި އެތަނުން ނުކުތުމަށްވެސް ދެކޮޅު ހަދާފައެވެ. އެގޮތުން އެފަރާތުން ބުނީ އެ އެކޮމޮޑޭޝަން ހުރި ތަނަކީ އެ ކުންފުންޏަށް ދީފައިވާ ތަނެއް ކަމަށާއި އެކަމަށް އެއްބަސްވުމެއްވެސް ހެދިފައިވާ ކަމަށެވެ. އަދި ގަމުގެ މަގުހެދުމުގެ މަޝްރޫއު ހުއްޓުނު ހިސާބުން ރައްޔިތުންގެ ޕްރެޝަރު ސަރުކާރާ ހަމައަށްވެސް ވަނީ ފޯރާފައެވެ.

މި މައްސަލައާއި ގުޅިގެން އައްޑޫ ރައްޔިތުން ބުނަމުން ދިޔައީ ވީރާނާ ވެފައިވާ އެ އިމާރާތް ހުސްކޮށް ގަން ތަރައްގީ ކުރުމަށް ފުރުސަތު ދިނުމަށެވެ. ނަމަވެސް އީކުއޭޓާ ވިލެޖުން ދިޔައީ މިކަން ކުރެވޭނީ ސަރުކާރުން ފައިސާ އާއި ބިމެއް ދިނުމުން ކަމަށް ބުނެ ޑިމާންޑު ކުރަމުންނެވެ.

ސަރުކާރުން ވަނީ ގަން އެއަޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ހަދަމުން އަންނަ މަގުގެ މަސައްކަތް ވަކި ހިސާބަކުން ހުއްޓާލުމަށް މި މަޝްރޫއު ހިންގާ އިންޑިއާގެ ރެނާޓަސް ކުންފުންޏަށްވެސް އަންގާފަ އެވެ. އެގޮތުން ސަރުކާރުން އެ ކުންފުންޏަށް މިގޮތަށް އެންގީ އީކުއޭޓަރ ވިލެޖުގައި މަސައްކަތް ކުރާ ބިދޭސީން ތިބޭ އެކޮމޮޑޭޝަން ނަގަން ދެކޮޅު ހެދުމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން