ދުނަފްތުގެ އިސްތިއުމާލު ކުރުން މަނާކަން ދައްކުވައިދޭ ބޯޑެއް، ފޮޓޯ: އެޓޮލްޓައިމްސް
ދުނަފްތުގެ އިސްތިއުމާލު ކުރުން މަނާކަން ދައްކުވައިދޭ ބޯޑެއް، ފޮޓޯ: އެޓޮލްޓައިމްސް
މިހާތަނަށް ރާއްޖޭގައި އެކަށީގެންވާ ގޮތެއްގައި ދުންފަތް ކޮންޓްރޯލު ކުރެވިފައި ނުވަނީ އިދާރާތަކުން ގަވާއިދުތައް ތަންފީޒު ކުރަން ފެއިލް ވުމުން ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އަމިއްލަ މީޑިއާ އަކަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ހަސަން މުހައްމަދު ވިދާޅުވީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލު ކުރެވިފައިނުވަނީ އެކަމަށްޓަކައި އެކަށީގެންވާ ފެންވަރުގައި މަސައްކަތް ކުރެވިފައި ނުވާތީ ކަމަށެވެ.

އޭނާ ވިދާޅުވީ ދުންފަތް ކޮންޓްރޯލު ކުރުމަށްޓަކައި ސަރުކާރުން ގަވާއިދުތަކެއް އެކުލަވާފައިވާ ކަމަށެވެ. އެގޮތުން އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ވަކިން ސިނގިރޭޓު ވިއްކުން ވަނީ މީގެ ކުރިން މަނާ ކޮށްފައެވެ. އަދި ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީވެސް ވަނީ ބޮޑު ކޮށްފައެވެ.

ހަސަން ވިދާޅުވީ މިފަދަ ގަވާއިދުތައް ހެދިފައިހުރިނަމަވެސް، އެކަށީގެންވާ ފެންވަރެއްގައި އެ ގަވާއިދުތައް ތަންފީޒު ކުރެވިފައި ނުވާ ކަމަށެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރަން ބޭނުންކުރާ ސާމާނުތަކުން ޑިއުޓީ ބޮޑުކުރިޔަސް، ނަތީޖާ ނިކުންނާނީ ކަމާގުޅޭ ގަވާއިދުތައް ތަންފީޒު ކުރަން ފެށުމުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާ އިތުރަށް ވިދާޅުވީ ދުންފަތް ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން އެޅި އެންމެ މުހިންމު އެއް ފިޔަވަޅަކީ "ޖެނެރޭޝަނަލް ބޭން" އެއް ތަންފީޒު ކުރުން ކަމަށެވެ.

ހަސަން ވިދާޅުވީ ޖެނެރޭޝަނަލް ބޭން ތަންފީޒު ކުރުމަށް އިތުރު ހަރަދުތަކެއް ނުހިނގާނެ ކަމަށެވެ. އަދި މިކަން ތަންފީޒުކުރެވޭނީ ދުންފަތުގެ ވިޔަފާރި ކުރާ ފަރާތްތައް ޒިންމާދާރުވެ ގާނޫނާއި ގަވާއިދާ އެއްގޮތަށް އަމަލު ކުރަން ފެށުމުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ދުންފަތް ކޮންޓްރޯލު ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން "ޖެނެރޭޝަނަލް ބޭން" އެއް ތަންފީޒު ކޮށްފައިވާއިރު، މި ގަވާއިދުގެ ދަށުން 2007 ވަނަ އަހަރުން ފެށިގެން އުފަންވީ ކުދީންނަށް ސިނގިރޭޓު ވަނީ މަނާ ކޮށްފައެވެ.

އަދި ދުންފަތް ކޮންޓްރޯލް ކުރުމާގުޅޭ އާންމު ގަވާއިދު ހަދައި، މިދިޔަ ފެބްރުއަރީގައި ވަނީ އާންމު ކޮށްފައެވެ. މީގެ އިތުރުން، ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރާ ފަރާތްތަކުން ކުރިޔަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެ ކަމަށް ދޫކުރާ ޚާއްސަ ލައިސެންސް ނަގަން ޖެހޭ ކަމަށްވެސް ހެލްތު މިނިސްޓްރީން ވަނީ އަންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން