ރާއްޖޭގެ މައި ވައިގެ ބަނދަރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ އައު ޓާމިނަލް ހުޅުވުމާއެކު މިއަހަރު ރާއްޖޭގެ އިޤްތިޞާދު 5.2 އިންސައްތައިން ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފިއެވެ.

ވޯލްޑު ބޭންކުން މިކަން ހާމަކޮށްފައި ވަނީ އެ ބޭންކުން އާންމުކުރި "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓުގައެވެ. އެ ރިޕޯޓުގައި ބުނީ އައު ޓާމިނަލާއެކު ފަތުރުވެރިންގެ އަދަދު އިތުރުވެ، އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ. ނަމަވެސް މި ކުރިއެރުން ލިބޭނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއެކު ކަމުގައި ވޯލްޑު ބޭންކުން ފާހަގަކޮށްފައިވެއެވެ.

ބުދަ ދުވަހު ނެރުނު މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓުގައި އިޤްތިޞާދީ ގިނަ ގޮންޖެހުންތަކެއް ރާއްޖެއަށް ކުރިމަތިލާން ޖެހޭނެކަން އެ ބޭންކުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރޭގައި ބައިނަލްއަޤްވާމީ ބާޒާރުގައި އަގުތައް އުފުލުމާއި، މިއަހަރާއި އަންނަ އަހަރު އަނބުރާ ދައްކަން ޖެހޭ ބޮޑެތި ލޯނުތައް ހުރުން ހިމެނެއެވެ.

މި ގޮންޖެހުންތަކާއެކުވެސް މިއަހަރު ވީއައިއޭގެ އައު ޓާމިނަލާއެކު އިޤްތިޞާދީ ކުރިއެރުން ލިބިގެންދާނެކަން ވޯލްޑް ބޭންކުން ފާހަގަކުރެއެވެ. ހަމައެއާއެކު ރާއްޖޭގެ ފަތުވެރިކަމަށް އަސަރުކުރާނެ ގޮންޖެހުންތަކެއް ވެސް ވޯލްޑް ބޭންކުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ބައިނަލްއަޤްވާމީ ވިޔަފާރިއާއި މެދު އޮތް ކަންބޮޑުވުމުގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވުމުގެ ފުރުސަތު އޮތްކަމަށް ވޯލްޑް ބޭންކުން ވަނީ ފާހަގަ ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން