ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކަން ދައްކުވައިދޭ ބޯޑެއް
ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކަން ދައްކުވައިދޭ ބޯޑެއް
ދުންފަތް ކޮންޓްރޯލު ކުރުމުގެ ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން ދުންފަތުގެ އިސްތިއުމާލު ކުރާ ތަންތަން ބަލާ ފާސްކޮށް، އެތަންތަން މިންގަނޑުތަކަށް ފެތޭތޯ ބެލުމަށް ހާއްސަ އިންސްފެކްޝަންތަކެއް ފަށާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ މި އިންސްޕެކްޝަންތައް ކުރިއަށް ގެންދަނީ ފުލުހުންނާއި، މޯލްޑިވްސް ކަސްޓަމްސް ސާރވިސްއާއި ހެލްތު މިނިސްޓްރީ ގުޅިގެން ކަމަށެވެ.

މި އިންސްޕެކްޝަންތައް އަމާޒުކޮށްފައިވަނީ ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓުތަކާއި ލައުންޖުތަކަށެވެ.

މި މަސައްކަތުގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރާ ބާވަތްތަކުގައި ލޭބަލް ޖަހާފައި ވަނީ ރަނގަޅަށްތޯއާއި، ވަކިން ސިނގިރޭޓު ވިއްކުމާއި ޕެކެޓްކޮށްގެން ވިއްކާ ދުންފަތުގެ ބާވަތްތަކުގެ ޕެކިން ހުރީ ރަނގަޅަށްތޯ ބަލާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އަދި މީހުންނަށް ފެންނަގޮތަށް ދުންފަތުގެ ބާވަތްތައް ބަހައްޓާފައިވޭތޯއާއި ވޭޕް ބޭނުންކުރުމާއި، ވިއްކުންފަދަ ކަންކަން ބަލާނެ ކަމަށްވެސް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން އޭސީކޮށްފައި ހުންނަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ އެތަންތަން ދެނެގަނެ ފިޔަވަޅު އެޅޭނެކަމަށްވެސް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނާއި ގަވައިދުގައި ބަޔާންކޮށްފައިވާ ކަންކަމަށް ސަމާލުކަން ދިނުމަށް، ދުންފަތުގެ ވިޔަފާރި ކުރާ ފަރާތްތަކަށާއި ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތަކަށް އެޗްޕީއޭއިން ވަނީ ހަނދާން ކޮށްދީފައެވެ.

ރާއްޖޭގައި ދުންފަތް ކޮންޓްރޯލު ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރު ވަނީ 2007 އިން ފެށިގެން އުފަންވާ ފަރާތްތަކަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށް "ޖެނެރޭޝަނަލް ބޭން" އެއް ތަންފީޒު ކުރަން ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން