ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން
ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން
ވެމްކޯ އައްޑޫ ހިތަދޫ ބްރާންޗްގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު ކުއްލިގޮތަކަށް ވަޒީފާއިން ވަކިކުރުމުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން އެކަން ކުށްވެރިކުރައްވައިފިއެވެ.

ހިތަދޫ ވެމްކޯ ބްރާންޗްގައި މަސައްކަތް ކުރާ އެ ބްރާންޗްގެ މެނޭޖަރ މޫސާ މުޙައްމަދު އަދި ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ މުޙައްމަދު އަފްޒަލް ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން މިއަދު ވަނީ ފޮނުވާފައެވެ. އެ މުވައްޒަފުން ވަޒީފާއިން ވަކިކުރީ ވަޒީފާއާއި ބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުންކަމަށް ޗިޓުގައި ބުނިނަމަވެސް، އެ މުވައްޒަފުން ބުނަމުންދަނީ، ވަޒީފާއިން ވަކިކުރީ އެމްޑީޕީގެ ލީޑަރޝިޕުން މި ހަފްތާތެރޭ އެ ރަށަށް ކުރި ޒިޔާރަތުގައި އެމްޑީޕީގެ ބޭފުޅުންނާ އެކު ޕާޓީގެ މަސައްކަތުގައި ބައިވެރިވުމުން ކަމަށެވެ.

އެގޮތުން، އެތަނުގެ މެނޭޖަރު ވަޒީފާއިން ވަކިކޮށްފައިވަނީ އެމްޑީޕީން އެ ރަށުގައި ބޭއްވި ބައްދަލުވުމެއްގައި ޤުރްއާން ކިޔެވުމުންކަމަށް އެމީހުން ބުނެއެވެ.

އެ ދެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުން ނުރުހުން ފާޅުކުރައްވައި އަޒާން މިއަދު އެކްސްގައި ވިދާޅުވީ، އޭގެ ތެރެއިން މެނޭޖަރުގެ މަގާމުގައި ހުރި މޫސަ ވަޒީފާއިން ވަކިކޮށްފައިވަނީ ސޯޝަލް މީޑިއާގައި އަދި ރަށުތެރޭގައި "ސަރުކާރާއި ކުންފުނީގެ އަގު ވެއްޓޭގޮތަށް" ވާހަކަ ދައްކާކަމަށް ބުނެ ކަމަށެވެ.

ނަމަވެސް، ވަޒީފާގެ ގާނޫނުން މިގޮތަށް މުވައްޒަފުން ވަޒީފާއިން ވަކިކުރުން ތަން ނުދޭކަމަށް އަޒާން ވަނީ ވިދާޅުވެފައެވެ. އަދި ގާނޫނާއި ހިލާފަށް މުވައްޒަފުންނާ ދޭތެރޭ އެގޮތަށް ފިޔަވަޅު ނޭޅުމަށް އަޒާން ވަނީ ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލަށް ނަސޭހަތްތެރިވެ ވަޑައިގެން ފައެވެ.

އެ ދެ މުވައްޒަފުން ކުއްލިގޮތަކަށް ވަޒީފާއިން ވަކިކުރި ޗިޓް މިހާރުވަނީ މީސްމީޑިއާގައި އާންމުކޮށްފައެވެ. އެ ޗިޓްގައި ސޮއި ކުރައްވާފައިވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލެވެ.



ވެމްކޯގެ މި އަމަލު އެމްޑީޕީން ވެސް ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން