ނަވާޒުއްދީން ސިއްދީގީ
ނަވާޒުއްދީން ސިއްދީގީ
ބޮކްސް އޮފީހުގައި ފިލްމުތައް ފެއިލް ވުމުން އެކަމުގެ ޒިންމާ ނަގަން ޖެހެނީ ހަމައެކަނި ފިލްމުގެ ލީޑު ތަރި ނޫންކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ނަވާޒުއްދީން ސިއްދީގީ ބުނެފިއެވެ.

ނަވާޒުއްދީން މިހެން ބުނެފައިވަނީ އޭނާގެ ފިލްމު "ކޮސްޓާއޯ" ޕްރޮމޯޓު ކުރުމަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުންނެވެ.

އެގޮތުން މި އިންޓަވިއުގައި ސަލްމާނުގެ ފިލްމު "ސިކަންދަރު" ގެ ނާކާމިޔާބީއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ނަވާޒުއްދީން ބުނެފައިވަނީ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ހަމައެކަނި ސަލްމާން ނޫން ކަމަށެވެ. އޭނާ ބުނީ ފިލްމުގެ ކޮލިޓީ ރަނގަޅު ކުރުމަކީ ފިލްމުގެ އުފެއްދުންތެރިންގެ ޒިންމާއެއް ކަމަށެވެ.

ނަވާޒުއްދީން ބުނީ ސަލްމާން ކިތައްމެ ރަނގަޅަކަށް މަސައްކަތް ކުރި ކަމުގައި ވީނަމަވެސް، ޑައިރެކްޓަރުން އެމީހުންގެ މަސައްކަތް އެންމެ ރަނގަޅަށް ނުކުރާނަމަ އޭގެ ސަބަބުން ފިލްމަށް އަސަރު ކުރާނެ ކަމަށެވެ. އަދި ހުރިހާ "ބްލޭމް" އެއް ސުޕަސްޓާރުގެ ބޮލުގައި އަޅުވައިގެން ނުވާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އޭނާ އިތުރަށް ބުނީ ސަލްމާނުއާއެކު މަސައްކަތް ކުރުމުގެ ފުރުސަތު މީގެ ކުރިން އެކި ފަހަރު މަތިން ލިބިފައިވާ ކަމަށާއި، ސަލްމާނުއާއެކު ވަރަށް ފަސޭހައިން މަސައްކަތް ކުރެވޭ ކަމަށެވެ. އަދި ސަލްމާނުއަކީ ވަރަށްވެސް ހިތްތިރި މީހެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފައެވެ.

ނަވާޒުއްދީން މިހާރު މަޝްއޫލުވެ އުޅެނީ އޭނާގެ ފިލްމު "ކޮސްޓާއޯ" ޕްރޮމޯޓު ކުރުމުގައެވެ. މި ފިލްމު ނެރުނީ މިމަހު 1 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން