އެމްއެސްއެސްގެ ކާރގޯ ބޯޓެއް، ފޮޓޯ: އެމްއެސްއެސް
އެމްއެސްއެސްގެ ކާރގޯ ބޯޓެއް، ފޮޓޯ: އެމްއެސްއެސް
ގައުމުގެ އިގްތިސާދު ފުޅާ ކުރުމުގައި އެންމެ މުހިންމު ރޯލެއް އަދާ ކުރާ އެއް ކަމަކީ ބައިނަލްއަގްވާމީ ވިޔަފާރިތަކެވެ. ބައިނަލްއަގްވާމީ ވިޔަފާރިތައް ކުރުމަށްޓަކައި އިތުބާރުހުރި ޝިޕިންގ އަދި ލޮޖިސްޓިކްސް ޚިދުމަތްތަކެއް ގާއިމްވެފައިވުމަކީ ވަރަށްވެސް މުހިންމު ހިދުމަތްތަކެކެވެ. މޯލްޑިވްސް ސްޓޭޓު ޝިޕިން (އެމްއެސްއެސް) އަކީ އިތުބާރު ހުރި ގައުމީ ޝިޕިން ލައިނެއް ނެތުމުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުގެ ބޭނުމުގައި 2020 ވަނަ އަހަރު އުފެދިންގެ އައިސްފައިވާ ކުންފުންޏެކެވެ.

އެމްއެސްއެސްގެ މައިގަނޑު މަގްސަދަކީ ބައިނަލްއަގްވާމީ އަދި އެތެރޭގެ ވިޔަފާރިތައްވެސް ފަސޭހަކޮށް، ރައްޔިތުންނާއި ވިޔަފާރިތަކަށް ފައިދާވާގޮތަށް ރާއްޖޭގެ އިގްތިސާދު ބައްޓަން ކުރުމެވެ.

4 އުޅަނދާއި 2500 ޓީއީޔޫ އަށްވުރެ ގިނަ ކޮންޓެއިނަރުގެ އިންވެންޓްރީއެއް ހިމެނޭ ފްލީޓެއް ހިންގާ އެމްއެސްއެސް އިން މެޑިޓަރޭނިއަން އިން ފެށިގެން މެދުއިރުމަތީގެ ތެރެއިން އެންމެ ދުރު އިރުމަތީގެ ނިޔަލަށް ހުރި މުހިންމު ބަނދަރުތަކުގައި ޚިދުމަތް ފޯރުކޮށްދެއެވެ. މިއީ ދިވެހިރާއްޖެއާއި ބައިނަލްއަޤްވާމީ ވިޔަފާރި އާއި ގުޅުވައިދީ، އިތުބާރު ހުރި ޝިޕިންގ އަދި ލޮޖިސްޓިކްސް ޚިދުމަތްތަކެއް ދިވެހި ރައްޔިތުންނަށާއި ދިވެހި ވިޔަފާރިވެރިންނަށް ފޯރުކޮށްދެމުންދާ ނަމޫނާ ބައިވެރިއެކެވެ.

މި ކުންފުނިން މަސައްކަތް ކުރަމުންދަނީ އެކި ކަސްޓަމަރުންގެ ބޭނުންތަކަށް ފެތޭގޮތަށް ފަރުމާކުރެވިފައިވާ ޝިޕިންގ އަދި ލޮޖިސްޓިކްސްގެ ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށެވެ. މި ހިދުމަތް އެންމެ ޒިންމާދާރު ގޮތުގައި ފޯރުކޮށްދީ، ހިދުމަތް އިތުރަށް ފުޅާ ކުރުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީއާއި ކުރިމަގަށް ވިސްނާ ސްޓްރެޓެޖީތައް އެކުންފުނިން ދަނީ ބޭނުން ކުރަމުންނެވެ.



އެމްއެސްއެސްގެ ކާގޯ ބޯޓެއް


މޯލްޑިވްސް ސްޓޭޓް ޝިޕިން އިން ފޯރުކޮށްދޭ ހިދުމަތްތައް:

ފީޑަރ އަދި ލައިނާރ ސާވިސް

އެމްއެސްއެސްގެ ލައިނަރ ވިޔަފާރީގައި ހަރަކާތްތެރިވާ އުޅަނދުތައް ދަތުރުކުރަނީ މައިގަނޑު ވިޔަފާރީގެ މަގުތަކުގައި، ކުރިން ކަނޑައެޅިފައިވާ ވަކި މަގަކުން، ކުރިން ކަނޑައެޅިފައިވާ ވަކި ބަނދަރުތަކަކަށް، ކަނޑައެޅިފައިވާ ވަކި ތާވަލަކާ އެއްގޮތަށެވެ.

ފީޑަރ ހިދުމަތުގައި ހަރަކާތްތެރިވާ އުޅަނދުތަކުން ފޯރުކޮށްދެނީ ބޮޑެތި ޝިޕިންގ ހަބްތަކާއި ކުދި ބަނދަރުތަކާ ދެމެދު މައިގަނޑު ގޮތެއްގައި ދަތުރުކުރާ، ލުއިފަސޭހަ ޝިޕިންގ ޙައްލުތަކެކެވެ. މި އުޅަނދުތައް ދަތުރުކުރަނީ ކަސްޓަމަރު ބޭނުންވާ މަގަކުންނާއި ތާވަލަކާ އެއްގޮތަށެވެ.

ރާއްޖެއަށް ގެންނަ ގިނަ މުދާ ގެންނަނީ ކޮލޮމްބޯ ބަނދަރުން ޓްރާންސްޝިޕްމަންޓް ކާގޯގެ ގޮތުގައެވެ. އެމްއެސްއެސްއިން ވަނީ ވާދަވެރިންނަށްވުރެ ކުރިއަރައިގޮސް، ދުނިޔޭގެ ބޮޑެތި ކެރިއަރުންގެ އިތުބާރު ހޯދައި 2024 ވަނަ އަހަރު މި ދަތުރުމަގުގެ 60-65 އިންސައްތަ ހިއްސާ ހިފަހައްޓާފައެވެ.

އެމްއެސްއެސް އިން ކޮލޮމްބޯ-މާލެ ދަތުރުމަގުގައި 2-3 އުޅަނދު ދުއްވައި، ކޮލޮމްބޯ އާއި މާލެ އާ ދެމެދު ގަވާއިދުން ދަތުރުތައް ކުރިއަށްގެންދެއެވެ. އަދި 2024 ވަނަ އަހަރު އެކުންފުނިން ވަނީ ފީޑަރ ނެޓްވޯކު އިތުރަށް ފުޅާކޮށް ދެކުނު އިރުމަތީ އޭޝިއާގެ ދަތުރުމަގާ ހަމައަށް ދަތުރުތައް ފަށާފައެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އާންމުންނާއި ވިޔަފާރިވެރިންނަށް އެންމެ ދުރު ގައުމުތަކުގެ މާކެޓު ވަނީ ހުޅުވިގެން ގޮސްފައެވެ.

އެންވީއޯސީސީ ހިދުމަތް

އެމްއެސްއެސްއިން ފޯރުކޮށްދޭ އެންވީއޯސީސީ (ނޮން-ވެސެލް އޮޕަރޭޓިންގ ކޮމަން ކެރިއަރ) ޚިދުމަތްތަކަކީ މުޅި ދުނިޔެއަށް ފެތުރިފައިވާ ހިދުމަތްތަކެކެވެ. މި ފުޅާ ދާއިރާގެ ސަބަބުން ޕަރޝިއަން ގަލްފް، އިންޑިއަން ސަބްކޮންޓިނެންޓް، ދެކުނު އިރުމަތީ އޭޝިއާ، އަދި އެންމެ ދުރު އިރުމަތީ އޭޝިއާ އިން ދިވެހިރާއްޖެއާ ހަމައަށް މާކެޓްތައް ގުޅުވައިދޭ، ވާދަވެރި ލޮޖިސްޓިކްސް ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައި އެމްއެސްއެސްގެ ނަން ވަނީ ވަރުގަދަ ވެފައެވެ. އެމްއެސްއެސްގެ ކޮންޓެއިނަރުތައް މި ބަނދަރުތަކުގައި އަބަދުވެސް ދައުރުވަމުންދެއެވެ. މި ހިދުމަތުގެ ސަބަބުން ކޮންމެ ތަނަކަށްވެސް ފަސޭހަކަމާއެކު މުދާ އުފުލޭނެއެވެ. މިހާރު އެމްއެސްއެސްއިން ވަނީ އެންވީއޯސީސީ ނެޓްވަރކް އިތުރަށް ފުޅާކޮށް، ތުރުކީގެ މުހިންމު ބަނދަރުތައް އޭގެ ނެޓްވޯކަށް އިތުރުކޮށްފައެވެ.

ޝިޕިންގ އެޖެންސީ

އެމްއެސްއެސްއިން ޝިޕް ހޭންޑްލިން، ބަންކަރިންގ، އަދި ފަޅުވެރިން މެނޭޖްކުރުން ފަދަ އޭޖެންސީ ޚިދުމަތްތައްވެސް ފޯރުކޮށްދެއެވެ. މި ހުރިހާ ކަމެއްވެސް ކުރެވެނީ ޚަރަދު ކުޑަކޮށް އަދި އިތުބާރުހުރި ގޮތަކަށެވެ.



އެމްއެސްއެސްގެ އުޅަނދެއްގައި މުފާ އުފުލަނީ


ކަނޑާއި ވައިގެ ޓްރާންސްޝިޕްމެންޓު

2024 ވަނަ އަހަރު ތައާރަފް ކުރެވުނު ކަނޑާއި ވައިގެ ޓްރާންސްޝިޕްމެންޓަކީ ކަނޑާއި ވައިގެ ދަތުރުފަތުރު އެއްކޮށްލައިގެން ހަލުވި އަދި ޚަރަދު ކުޑަ ގޮތަކަށް މުދާ އުފުލުމަށް ބޭނުންކުރާ މަލްޓިމޯޑަލް ލޮޖިސްޓިކްސް ހައްލެކެވެ. މި ހިދުމަތުގެ ދަށުން އާންމުގޮތެއްގައި މުދާ ބަދަލުކުރެވޭނީ ސްޓްރެޓެޖިކު ހަބެއްގައި، ވައިގެ ބަނދަރަކާއި ކައިރި ބަނދަރެއްގައި ނުވަތަ އުޅަނދުތަކާއި މަތިންދާބޯޓުތަކާ ދެމެދުއެވެ. މި ހިދުމަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް) ފަދަ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅިގެންނެވެ.

ލޯކަލް ޓްރާންސްޝިޕްމެންޓު



އެމްއެސްއެސްގެ ލޯކަލް ޓްރާންސްޝިޕްމަންޓް ހިދުމަތުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ލޯކަލް ލޮޖިސްޓިކްސް ދާއިރާ އައު ގޮތަކަށް ބަދަލުކޮށް، ތާވަލާ އެއްގޮތަށް ހިންގޭ ލޯކަލް ޑިސްޓްރިބިއުޝަން މެކޭނިޒަމެއް އަދި ޓްރާންސްޝިޕްމަންޓް ހިދުމަތެއް ގާއިމްކުރުމެވެ. އަދި މުހިންމު ސަރަހައްދުތަކުގައި ވިޔަފާރީގެ ހަރަކާތްތައް އިތުރުކޮށް، ރާއްޖޭގެ އުތުރާއި ދެކުނަށް ގިނަ އަސާސީ ކާބޯތަކެއްޗާއި ތަކެތި ބެހުމެވެ. މި ހިދުމަތަށް ބޭނުން ކުރަނީ "އެމްއެސްއެސް އޯޕަލް" އުޅަނދެވެ. މި އުޅަނދު ދަތުރުކުރަނީ މާލެ ސަރަހައްދުގެ ބަނދަރުތަކާއި ދެރާއްޖޭގެ ދެކުނުގެ ބަނދަރުތަކާ ދެމެދު ތާވަލާ އެއްގޮތަށެވެ. މި ހިދުމަތް ފެށިގެން ކުރިއަށްދާއިރު، މިހާރު މި ހިދުމަތް ވަނީ އޭގެ ފުރަތަމަ ފިޔަވަހީގައެވެ. އެއީ މާލޭ ކޮމާޝަލް ހާބަރާއި އައްޑޫ އަދި ކޫއްޑޫ އާ ދެމެދު މުދާ ގުޅުވައިދިނުމެވެ. މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި އުތުރު ދިވެހިރާއްޖޭގެ ލޮޖިސްޓިކްސް މެކޭނިޒަމް ތަރައްޤީކުރުމަށް ވަނީ ރޭވިފައެވެ.

ޗާޓަރިންގ

ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ދަތުރުމަގުތަކުގައި ލުއިފަސޭހަ އަދި އިތުބާރުހުރި ޝިޕިންގ ހައްލުތައް ފޯރުކޮށްދިނުމުގެ ގޮތުން އެމްއެސްއެސް އިން ވަނީ ވަކި ޗާޓަރިންގ ޔުނިޓެއް ގާއިމްކޮށްފައެވެ. ޓައިމް ޗާރޓަރ، ވޮޔޭޖް ޗާޓަރ، އަދި ބެއަރބޯޓް ޗާޓަރ ފަދަ ޗާޓަރިންގ ގޮތްތައް ބޭނުންކޮށްގެން އެމްއެސްއެސްއިން ވަނީ ވަކި ބާވަތްތަކުގެ މުދަލާއި، ހިންގުމުގެ މަގްސަދުތަކަށް ފެތޭގޮތަށް އުޅަނދުތަކާއި އާލާތްތައް ޗާޓަރުކޮށްފައެވެ. މީގެ ތެރޭގައި ޕްރޮޖެކްޓް ކާގޯ، ހެވީ ޑިއުޓީ އިކުއިޕްމަންޓް، އުޅަނދުތަކާއި ވެހިކަލްތައް ފަދަ ތަކެތި އުފުލުން ހިމެނެއެވެ. ޗާޓަރިން ހިދުމަތް މައިގަނޑު ގޮތެއްގައި ބޭނުން ކުރަނީ އިމްޕޯޓު އަދި އެކްސްޕޯޓު ހިދުމަތުގައެވެ. ހާއްސަކޮށް ބަލްކް ކާގޯ، ކޮންޓެއިނަރުކުރެވިފައިވާ މުދާ، އަދި ޕްރޮޖެކްޓް ކާގޯ، އޭގެ ތެރޭގައި އިމާރާތްކުރުމުގެ ތަކެއްޗާއި މަސް އެކްސްޕޯޓްކުރުން ހިމެނޭގޮތަށެވެ.

ފްރެއިޓު ފޯވާޑިން

ފްރެއިޓި ފޯވާޑިންއަކީ އެހެން ވިޔަފާރިއެއްގެ ހިދުމަތް ބޭނުންކޮށްގެން ސަޕްލައި ޗެއިންގެ ތެރެއިން އިމްޕޯޓް އަދި އެކްސްޕޯޓް މުދާ އުފުލުމުގެ ޕްރޮސެސްއެވެ. އެމްއެސްއެސްގެ ހިދުމަތް ނުލިބޭ ސަރަހައްދުތަކުގައި އެ ކުންފުނިން ފްރެއިޓު ފޯވާޑިން އަށް މެއިން ލައިނަރ އޮޕަރޭޓަރުން (އެމްއެލްއޯ) ގެ ހިދުމަތް ބޭނުންކުރެއެވެ. މުދާ އުފުލުމަށް ދުނިޔޭގެ މަތީ ފެންވަރުގެ ކެރިއަރުންނާއެކު ހެދިފައިވާ ޕާޓްނަރޝިޕް ތަކާއެކު ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިވެގެންދިއުމާއެކު، ރާއްޖޭގެ ވިޔަފާރިވެރިންނަށް ލުއިފަސޭހަ ނިޒާމެއް ވަނީ ތައާރަފް ކުރެވިފައެވެ.



އެމްއެސްއެސްގެ މުވައްޒަފުން، މަސައްކަތުގައި


އިންޓަނޭޝަނަލް ލައިނަރ ޝިޕިންގ ހިދުމަތަށް ބޮޑު ސަމާލުކަމެއް ދީގެން ޝިޕިންގ އެންޑް ލޮޖިސްޓިކްސް ޚިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން އެމްއެސްއެސްއިން ދަނީ ދިވެހިންނަށް މި ދާއިރާއިން ވަޒީފާގެ ފުރުސަތުތައްވެސް އިތުރު ކޮށްދޭން މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބަލާއިރު ފާހަގަ ކޮށްލެވޭ އެންމެ މުހިންމު އެއް ކަމަކީ އެމްއެސްއެސް ކަލާސީން ޕްރޮގްރާމެވެ. މި ޕްރޮގްރާމަކީ އެމްއެސްއެސްގެ ފްލީޓަށާއި ގައުމަށް ހުނަރުވެރި މަސައްކަތްތެރިން ތައްޔާރު ކުރުމުގެ ބޭނުމުގައި ހިންގާ ޕްރޮގްރާމެކެވެ.

ކޮންމެ އަހަރަކު ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ދަށުން ދިވެހި ދަރިވަރުންނަށް ކަނޑުގެ ދަތުރުފަތުރުގެ ތަޢުލީމު ހާސިލުކުރުމަށާއި އުޅަނދުފަހަރުގައި އަމަލީ ތަޖުރިބާ ހޯދުމަށް ސްކޮލަޝިޕުތަކެއް ދޫކުރެއެވެ. މި ޕްރޮގްރާމުގައި އަމާޒުކުރެވިފައިވާ ދާއިރާތަކަކީ ނެވިގޭޝަން، ނޯޓިކަލް ސައިންސް އަދި މެރިން އިންޖިނިއަރިންގ އެވެ. މި ފުލް ސްކޮލަރޝިޕުން ދަރިވަރުގެ ހުރިހާ ޚަރަދެއް ހަމަޖައްސައިދެއެވެ. އޭގެ ތެރޭގައި ކޯސް ފީ، ފޮތުގެ ފީ، ހުރުމާއި ކެއުން، ވިސާ، މެޑިކަލް، ދަތުރު ޓިކެޓް އަދި ޖީބު ޚަރަދު ހިމެނެއެވެ. ކަލާސީންގެ އިންޓޭކުތަކަށް ފުރުސަތު ހުޅުވާލުމަށް ކޮންމެ އަހަރެއްގެ ފަހު ކުއާޓަރުގައި އިއުލާން ކުރެވޭނެއެވެ.

‎އެމްއެސްއެސްއަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން