”ޑީޑީ ކަޕް 2025“ ފެށެން ހަތަރު ދުވަހަށް ވެފައިވާއިރު މި މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ބައިވެރިވާ ކަމަށް މި މުބާރާތް އިންތިޒާމު ކުރާ ފަރާތުން ހާމަކޮށްފިއެވެ.

ޗެމްޕިއަން ޓީމަށާއި އެންމެ މޮޅު ޓީމުތަކަށް ފައިސާގެ ބޮޑެތި އިނާމުތަކެއް ހަމަޖެހިފައިވާ މި މުބާރާތަކީ އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ދީދީ (ޑީޑީ) އިންތިޒާމު ކުރައްވައިގެން ބާއްވާ މުބާރާތެކެވެ.

އަހަރުތަކެއް ފަހުން އައްޑޫގައި ފުޓުބޯޅައިގެ ފޯރި އިތުރުކުރުމަށް ބާއްވާ މި މުބާރާތް ކުރިޔަށް ދާނީ މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން ޖޫން އެއްވަނަ ދުވަހުގެ ނިޔަލަށް މަރަދޫ ފުޓްބޯޅަ ދަނޑުގައެވެ. މިމުބާރާތުގައި ފަސް ޓީމަކުން ޖުމްލަ 13 މެޗު ކުޅޭނެއެވެ. މީގެތެރެއިން ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިޔަށް ދާނީ ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގެ ހަވީރު 16:00 ގައެވެ. އަދި ސެމީ ފައިނަލް އާއި ފައިނަލަށް ދާ ޓީމުތަކުގެ މެޗުތައް ކުރިޔަށްދާނީ 15:45 ގައެވެ.

ޒަމާންތަކަކަށްފަހު މުޅިރާއްޖެއަށް ހުޅުވާލައިގެން އައްޑޫސިޓީގައި ފުރަތަމަ ބާއްވާ އިލެވެންއެސައިޑް މި މުބާރާތުގައި މިއަހަރު ބައިވެރިވާ ޓީމުތަކަކީ ސޮބާހް މެމޯރިއަލް ޓީމް، ފްރެންޑްސް ކްލަބް، އެފްސީ ޒެފިޔާ، މައިލޯ ސިޓީ ފަހަރަސްޕޯޓްސް ކްލަބް އަދި ޔުނައިޓެޑް މައިލޯ އެވެ.

މިއީ މަރަދޫ ދަނޑުގައި މިފަދަ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރު ކަމަށް މުބާރާތް އިންތިޒާމު ކުރާ ފަރާތުން މައުލޫމާތު ދެއެވެ. އަދި މުބާރާތް ބާއްވާ ދަނޑަކީ މިފަދަ ބޮޑު މުބާރާތަކަށް އެންމެ ފުރިހަމަ އަށް ތައްޔާރުކުރެވިފައިވާ ދަނޑެއް ނޫން ކަމަށްވެސް އެފަރާތުން ބުނެއެވެ. ނަމަވެސް މުބާރާތް ފެށެންވާއިރަށް ދަނޑަށް ގިނަ ބަދަލުތައް ގެނެސް ބެލުންތެރިންނަށް ހަމަޖެހިލައިގެން އިށީންދެގެން ތިބެ މުބާރާތް ބެލޭނެ އިންތިޒާމުވެސް ހަމަޖެއްސަމުންދަނީ މަސައްކަތް ކުރަމުންނެވެ.

މި މުބާރާތުގެ ރަން ވަނަ ހާސިލް ކުރާ ޓީމަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމަކާއި، ޓްރޮފީ އަދި މެޑަލް ލިބިގެން ދާނެއެވެ. އަދި މުބާރާތުގެ ރަނާރ އަޕް ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމަކާއި، މެޑަލް ލިބިގެން ދާނެއެވެ. މީގެ އިތުރުންވެސް ތަފާތު އެކި އިނާމުތައް މި މުބާރާތުގެ ބައިވެރިންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

“ޑީޑީކަޕް 2025” އާ ގުޅޭ އިތުރު މައުލޫމާތު ބޭނުންފުޅު ވާނަމަ 7750435، 9769462 އަދި 7584241 އަށް ގުޅާލުމުން މައުލޫމާތު ލިބޭނެ އެވެ. އަދި ރަސް އޮންލައިނުން ވެސް މި މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް ލިބިގެންދާނެއެވެ.

އައްޑޫސިޓީ މަރަދޫ ދާއިރާގެ މެންބަރު، އަހުމަދު ދީދީ (ޑީޑީ) މަޖިލިސް ކެމްޕެއިންގައި އައްޑޫގެ ރައްޔިތުންނަށް އަދި ވަކިން ޚާއްސަކޮށް މަރަދޫގެ ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވެވަޑައިގެންނެވިއެވެ. އެގޮތުން ޑީޑީގެ އެއް ވައުދަކީ އައްޑޫސިޓީ މަރަދޫ ފުޓްބޯޅަ ދަނޑުގައި ބޮޑު ފުޓުބޯޅަ މުބާރާތެއް ބޭއްވުމެވެ. އަދި އެ ވައުދު އޭނާ ފުއްދަވަމުން ގެންދަވާއިރު މީގެ ކުރިންވެސް ޑީޑީ ވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ޤުރުއާން މުބާރާތެއްވެސް ބާއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން