ދިވެހިބަހާއި ސަގާފަތާ ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް
ދިވެހިބަހާއި ސަގާފަތާ ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް
ދިވެހިބަހާއި ސަޤާފަތާ ތަރިކައާ ބެހޭ ވުޒާރާގައި 50 ސިޔާސީ މުވައްޒަފުން ތިއްބަވާ ކަމަށް އެވުޒާރާއިން ހާމަކޮށްފިއެވެ.

ދިވެހިންގެ ޤައުމިއްޔަތު ހަރުދަނާ ކުރުމަށް އުފައްދާފައިވާ މިވުޒާރާގެ ދަށުން ހަތަރު އިދާރާއެއް ހިންގައެވެ. އެއީ، ސަޤާފީ ތަރިކަ ރައްކާތެރިކުރުމުގެ ގައުމީ މަރުކަޒާއި، ދިވެހިބަހުގެ އެކެޑަމީއާއި، ގައުމީ ދާރުލްއާސާރުގެ އިތުރުން ދިވެހި ތަރިކަ ދިރާސާ ކުރުމުގެ ޤައުމީ މަރުކަޒެވެ.

ޤައުމިއްޔަތު ވުޒާރާގައި މި ވަގުތު 50 ސިޔާސީ މުވައްޒަފުން އެބަތިއްބަވާއިރު އެބޭފުޅުންގެ މުސާރަ އާއި އިނާޔަތްތަކަށް މަހެއްގެ މައްޗަށް ހޭދަވަނީ 1.3 މިލިއަން ރުފިޔާއެވެ.

އޭގެތެރޭގައި ހިމެނެނީ 58500 ރުފިޔާގެ މަހު މުސާރަ ލިބިލައްވާ 1 ވަޒީރާއި، 43500 ރުފިޔާ މަހު މުސާރައިގެ ގޮތުގައި ނަންގަވާ 4 ސްޓޭޓް މިނިސްޓަރުންނާއި، 31500 ރުފިޔާގެ މަހު މުސާރަ ލިބިލައްވާ 10 ޑެޕިއުޓީ މިނިސްޓަރުންނެވެ.

ހަމައެއާއެކު 25500 ރުފިޔާ ލިބިލައްވާ 21 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނާއި، 20500 ރުފިޔާގެ މުސާރަ ލިބިލައްވާ 12 ޕޮލިޓިކަލް ޑިރެކްޓަރުންނާއި، 18000 ރުފިޔާގެ މުސާރަ ލިބިލައްވާ 1 އެސިސްޓަންޓު ޕޮލިޓިކަލް ޑިރެކްޓަރުވެސް އެ ވުޒާރާގެ ސިޔާސީ ވެރިންގެ ލިސްޓުގައި ހިމެނެއެވެ.

އޭގެ އިތުރުން، މިނިސްޓަރުގެ ޕާސަނަލް އެސިސްޓެންޓެއްގެ ގޮތުގައިވެސް ސިޔާސީ މުވައްޒަފަކު އައްޔަންކުރައްވާފައިވެއެވެ.

ޤައުމިއްޔަތު ވުޒާރާގައި ތިއްބެވީ 50 ސިޔާސީ މުވައްޒަފުންކަން ހާމަކޮށްފައިވާއިރު، ސަރުކާރުން އަޅަން ނިންމި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން 31 އޮކްޓޯބަރ 2024ގެ ނިޔަލަށް ސިޔާސީ ވަޒީފާތަކުން 228 މީހަކު ވަކިކޮށްފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އަދި ހަމައެހެންމެ ރައީސް ޑރ. މުޢިއްޒު މީގެކުރިން ވިދާޅުވެފައިވަނީ މުޅި ސަރުކާރުގައި ތިއްބަވާ ސިޔާސީ މުވައްޒަފުންގެ އަދަދު 700އަށް ވުރެ އިތުރު ނުކުރެއްވުމަކީ އަމާޒެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން