ތަމައްނާ ބާޓިއާ
ތަމައްނާ ބާޓިއާ
ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ސަންދީޕު ރެއްޑީ ވެންގާ އާއި ބޮލީވުޑްގެ މަޝްހޫރު ތަރި ދީޕިކާއާ ދެމެދު މައްސަލަ ހޫނުވެފައިވާ މި ދަނޑިވަޅުގައި ވަކިކޮޅަކަށް ނުޖެހޭ ކަމަށް ތަމައްނާ ބާޓިއާ ބުނެފިއެވެ.

ސަންދީޕު އާއި ދިޕިކާ އާ ދެމެދު މައްސަލަ ގޯސްވެފައިވަނީ ސަންދީޕުގެ ފިލްމު "ސްޕިރިޓް" އާ ގުޅިގެންނެވެ. މި ފިލްމުގެ ލީޑު ކުރިން ދިޕިކާއަށް ދިން ނަމަވެސް، އޭނާގެ ޑިމާންޑުތައް ފުރިހަމަކޮށް ނުދިނުމުގެ ސަބަބުން ދިޕިކާ ވަނީ ފިލްމު ދޫކޮށްލާފައެވެ.

އެގޮތުން ދިޕިކާ ޑިމާންޑު ކޮށްފައިވަނީ ފިލްމުގައި ކޮންމެ ދުވަހަކުވެސް 8 ގަޑިއިރު މަސައްކަތް ކުރާ ގޮތަށް ކަނޑައެޅުމަށާއި، ޝޫޓިން ދިގުވާނަމަ އިތުރަށް ފައިސާ ދިނުމަށެވެެ. މި ޑިމާންޑުތައް ފުރިހަމަ ކޮށް ނުދިނުމުން އޭނާ ވަނީ ފިލްމު ދޫކޮށްލާފައެވެ.

އޭގެ ފަހުން ސަންދީޕު ވަނީ "ޑާޓީ ޕީއާރު ގޭމްސް" ގެ ގޮތުގައި މީހަަކު ފިލްމުގެ ސްޓޯރީލައިން ލީކު ކޮށްފައިވާ ކަމަށް ބުނެ އެކްސްގައި ޕޯސްޓެއް ހިއްސާ ކޮށްފައެވެ. މި ޕޯސްޓުގައި ވަކި ފަރާތެއްގެ ނަން ހާމަ ކޮށްފައި ނުވިނަމަވެސް މިއީ ދިޕިކާ އަށް ރައްދުވާ ޕޯސްޓެއް ކަމަށް ގިނަ މީހުން ބުނެފައި ވެއެވެ.

މި މައްސަލަތަކުގެ ތެރޭގައި މިކަމާ ގުޅުންހުރި އިންސްޓަގްރާމް ރީލަކަށް ތަމައްނާ ލައިކް ކޮށްފައިވާތީ، އެއީ ދިޕިކާ އަށް ސަޕޯޓު ކުރަނީ ކަމަށް ބުނެ ހަބަރު ފެތުރެން ވަނީ ފަށާފައެވެ.

މިކަމާ ގުޅޭ ގޮތުން އިންސްޓަގްރާމު ސްޓޯރީގައި ހިއްސާ ކުރި ޕޯސްޓެއްގައި ތަމައްނާ ބުނީ އޭނާ އެ ވީޑިއޯއަށް ލައިކް ނުކުރާ ކަމަށެވެ. އަދި އެއީ ގްލިޗެއް ކަމަށްވެސް ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން