ހައްވާ ޔުމްނު ރަޝީދު
ހައްވާ ޔުމްނު ރަޝީދު
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ޙާދިސާގެ ހަގީގަތް ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސި ކޮމިޝަނުގެ ފައިނަލް ރިޕޯޓް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ރައީސަށް އެރުވޭނެ ކަމަށް ރިޔާސީ ކޮމިޝަނުން މިއަދު ބުނެފި އެވެ.

މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ރައީސް ޑރ. މުޢިއްޒު ފަސް މެމްބަރުންގެ ހާއްސަ ކޮމިޝަނެއް އުފެއްދެވީ، ޔުމްނު ވެއްޓުނު ޙާދިސާގައި ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފައްދައި، ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފެށުމުންނެވެ.

ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ރިޔާސީ ކޮމިޝަނުން ވަނީ މިދިޔަ މޭ މަހުގެ 12 ވަނަ ދުވަހު، އެމައްސަލާގައި ހައްޔަރުކޮށް މިހާރު ދަޢުވާއުފުލުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ ގ. އެރިއަދޫ، ރައުދު އަހުމަދު ޒިލާލާއި ބައްދަލުކޮށް ސުވާލު ކޮށްފައެވެ.

ރިޔާސީ ކޮމިޝަނުން މީސް މީޑިއާގައި މިއަދު ޙިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، ކޮމިޝަނުގެ މަސައްކަތް ނިމެން މިހާރު ގާތްވެފައިވާ ކަމަށާއި، އެ ކޮމިޝަނުގެ ތަހުގީގު ރިޕޯޓު ދެ ހަފުތާގެ ތެރޭގައި ރައީސަށް އެރުވޭ ވަރުވާނެ ކަމަށެވެ.



ރިޔާސީ ކޮމިޝަންގައި ތިއްބަވާ މެމްބަރުންނަކީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދާއި، ޑރ. މޫސާ މުރާދާއި، ޖަބީން މުހައްމަދާއި، އައިމިނަތު އީނާސް އެވެ. ކޮމިޝަންގެ ރައީސަކީ ޑރ. މުނައްވަރެވެ.

މިޙާދިސާގައި އަނިޔާލިބުނު ޔުމްނު ހޭ އެރިފަހުން ޔުމްނު ބުނި ކަމަށް ބުނެ އޭނާގެ އާއިލާއިން ބުނެފައިވަނީ ޔުމްނު އަމިއްލައަށް އިމާރާާތުން ފުންމާ ނުލާ ކަަމަށާއި އެ ހާދިސާ ހިނގިއިރު ޔުމްނު ކައިރީގައި އެ މައްސަލައިގައި ހައްޔަރުކުރި ގ. އެރިއަދޫ، ރައުދު އަހުމަދު ޒިލާލުގެ އިތުރުން އިތުރު ބަޔަކުވެސް ތިބިކަމަށް ޔުމްނު ބުނާ ކަމަށެވެ.

އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާއިން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓުނު ހާދިސާ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ އޭޕްރީލް މަހުގެ 18 ވީ ހުކުރު ދުވަހު ހެނދުނު 7:30 ހާއިރެވެ.

އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކުރި ރައުދަކީ ޙާދިސާ ހިނގި ވަގުތު ޔުމްނުއާއެކު ފެންޓެނޯއީ ގޭގައި ޙަރަކާތްތެރިވަމުން ދިޔަ މީހެކެވެ.

ފުލުހުން މީގެކުރިން ވަނީ ޔުމްނު ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާއިން ފުންމާލީ އަމިއްލައަށް ކަމަށްވެސް ބުނެފައެވެ. އަދި ރައުދާއި، ޔުމްނު ފެންޓެނޯއީގޭގެ އެތެރޭގައާއި އިމާރާތުން ބޭރުގައި އުޅޭ މަންޒަރުތައް ފެންނަ ވީޑިއޯ ފުޓޭޖު ފުލުހުން އާންމުކޮށްފައިވެއެވެ. އެ މައްސަލައިގައި ޔުމްނު ހިމެނޭހެން ޖުމުލަ 8 މީހެއްގެ ފޯނާއި ޕާސްޕޯޓުވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހިފަހައްޓައިފައެވެ.

އަދި އެ މައްސަލައާއި ގުޅިގެން މއ. މާންދޫގެ ދެކުނުބައިގެ ޓެރަހާއި އެ އިމާރާތުގެ 2 އަދި 4 ވަނަ ފަންގިފިލާ ބަލާ ފާސްކޮށްފައިވާ ކަމަށާއި ހ. ކަށިވެލި ގޭގެ 3 ވަނަ ފަންގިފިލާ ވެސް ފުލުހުން ވަދެ ބަލާ ފާސްކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

އޭގެފަހުން ފުލުހުން ބުނެފައިވަނީ، ޔުމްނުގެ ބަޔާން ނަގަން އާއިލާއިން އެއްބާރުލުން ނުދޭތީ މެލޭޝިއާ ފުލުހުންނާ ގުޅިގެން އޭނާގެ ބަޔާން ނަގަން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ޔުމްނުގެ އާއިލާއިން ބުނެފައިވަނީ، ޔުމްނުގެ ބަޔާން ނެގުމަށް ފުލުހުން މިހާތަނަށް ރަސްމީކޮށް އަންގާފައި ނުވާކަމަށާއި، ޤާނޫނާ ޤަވާއިދުގެ ތެރެއިން ފުލުހުން ކުރިއަށް ގެންދާ އެއްވެސް ތަހުގީގަކަށް އާއިލާގެ ފަރާތުން ހުރަހެއް ކުރިމަތި ނުކުރާނެ ކަމަށެވެ.

ފުލުހުން މިހާރުވަނީ ޕީޖީގެ އިރުޝާދުގެ ދަށުން މައްސަލާގައި ހައްޔަރުކުރި ރައުދު ބަންދުން ދޫކޮށްލާފައެވެ. އެކަމާގުޅިގެން ޕީޖީ އޮފީހުން ބުނީ، ރައުދު ބަންދުން ދޫކޮށްލަން އެދުނީ ރައުދު ބަންދުގައި ހުރި މުއްދަތު، އޭނާގެ މައްޗަށް އަންނާނެ ކަމަށް ބެލެވޭ ހުކުމްގެ މުއްދަތަށްވުރެ ދިގުވެދާނެތީ ކަމަށެވެ.

ރައުދުގެ ބަންދު އަމުރުތަކުން އެނގޭ ގޮތުގައި، ފުލުހުން ވަނީ ރައުދުގެ މައްޗަށް ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރުުމުގެ އިތުރުން، އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި، ޖިންސީ ބޭނުން ހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފައެވެ.

ނަމަވެސް ފުލުހުން ރައުދުގެ މައްޗަށް ދަޢުވާ ކުރުމަށް ފޮނުވާފައިވަނީ ކޮންކުށެއްގެ ތުހުމަތުގައި ކަމެއް ސާފުވެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން