ކަނބުލޮ ފިލްމުގެ ޕޯސްޓަރު
ކަނބުލޮ ފިލްމުގެ ޕޯސްޓަރު
ހިތްދަތިކަމުގެ ތެރެއިން އުންމީދު ދައްކުވައިދޭ، އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ދިވެހި ފިލްމު "ކަނބުލޮ" ލޯންޗު ކޮށްފިއެވެ.

މި ފިލްމަކީ ޔަޝްފާ ޢަބްދުލް ޣަނީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމަކަށްވީއިރު، މި ފިލްމުގެ ސްކްރީން ޕްލޭ ލިޔެފައިވަނީ މަހުދީ އަހުމަދު އެވެ.

މިއީ ދިވެހި މުޖުތަމަޢުގައި ބޮޑުވެފައިވާ މައްސަލަތަކެއް ކަމަށްވާ ގެވެށި އަނިޔާއާއި ކުޑަކުދިންނަށް ކުރަމުންދާ ގޯނާ ތަކުގެ މައްޗަށް އަލިއަޅުވާލާފައިވާ ފިލްމެއް ކަމަށް ފިލްމުގެ އުފެއްދުންތެރިން ވަނީ ހާމަކޮށްފައެވެ.

‎މުޖުތަމާޢުގައި އަބުރުވެރިންގެ ގޮތުގައި އުޅޭ މީހުން، ގޭތެރޭގައި ފޮރުވިގެން ތިބެ ކުޑަކުދިންނަށް ކުރަމުންދާ ގޯނާތައް މި ފިލްމުން ދައްކުވައިދޭނެއެވެ. އަދި އެކުދިންނަށް ކުޑައިރު ލިބުނު އަނިޔާތަކުގެ ސަބަބުން ޒަވާޖީ ހަޔާތަށް ކުރާ އަސަރުވެސް ދައްކުވައިދޭނެ އެވެ.

މީގެ އިތުރުން ނުފޫޒުގަދަ މީހުން އަދުލުއިންސާފުގެ މައްޗަށް އަތްގަދަކުރާގޮތްވެސް މި ފިލްމުގައި ވަރަށް ފުރިހަމައަށް ގެނެސްދީފައި ވާނެ ކަމަށް ފިލްމުގެ ޓީމުން ވަނީ ހާމަކޮށްފައެވެ.

"ކަނބުލޮ" ޕްރޮޑިއުސް ކުރާނީ 2024 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު "ކަމަނާ" ގެ ޕްރޮޑިއުސަރު އަލީ ޝާނިޒު މުހައްމަދު އަދި ހުސެން މުނައްވަރު އެވެ. އަދި މި ފިލްމު ޑައިރެކްޓު ކުރާނީވެސް މުނައްވަރު އެވެ. މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ.

މި ފިލްމަކީ ދިވެހި ފިލްމީ ދާއިރާގެ ނަންވިދާ ތަރިންތައް ހިމެނައިގެން ގެނެސްދޭ ފިލްމެކެވެ. އޭގެ ތެރޭގައި ހިމެނެނީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާސިއާ މުހައްމަދު, އަދި މަރިޔަމް ޝަކީލާ އެވެ.





ފިލްމުގެ ޓީމުން ބުނީ އަނިޔާވެރިކަމާއި، ހިތާމަޔާއި، ހިތްދަތިކަމުގެތެރޭން އުންމީދާއި ލޯތްބާއި އުފާވެރިކަންވެސް ދައްކުވައިދޭ މި ފިލްމަކީ މުޖުތަމަޢުގެ ކޮންމެ މަންމައަކާއި ބައްޕައެއްވެސް ބަލާލަން ރަނގަޅު ފިލްމެއް ކަމަށެވެ.

ތަފާތު އެކި ޖަޒުބާތުތަކުން ފުރިފައިވާ "ކަނބުލޮ" ހުށަހަޅައިދެނީ ކިޑް ޕްރޮޑަކްޝަންއާއި ސެޓަރން ސްޓޫޑިއޯއިންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން