މައިލޯސިޓީ ސްޕޯޓްސް ކުލަބުން ޑީޑީކަޕް 2025 ގެ ޗެންޕިއަންތަށި އުފުލާލަނީ - ފޮޓޯ: ރަސް އޮންލައިން
މައިލޯސިޓީ ސްޕޯޓްސް ކުލަބުން ޑީޑީކަޕް 2025 ގެ ޗެންޕިއަންތަށި އުފުލާލަނީ - ފޮޓޯ: ރަސް އޮންލައިން
ޑީޑީކަޕް 2025 ވާދަވެރި ފްރެންޑްސް ކުލަބް ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށް މައިލޯސިިޓީ އިން ޑީޑީކަޕް 2025 ގެ ތަށި އުފުލާލައިފިއެވެ.

މިއަދުގެ ފައިނަލްމެޗުގެ ނަތީޖާ ގިނަބަޔަކު ލަފާކުރި ގޮތާ ޚިލާފަށް މައިލޯސިޓީއިން ފްރެންޑްސް ކުލަބުގެ މައްޗަށް ކުރިހޯދާފައިވަނީ 6 - 1 ލަނޑުގެ ބޮޑު ތަފާތަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވާދަވެރި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ، މިމެޗުގައި ފުރަތަމަ ހާފުން ފެނިގެން ދިޔަ ހަމައެކަނި ލަނޑު މައިލޯސިޓީ އިން ކާމިޔާބުކޮށްފައިވަނީ ހާފު އިތުރުވަގުތުގައި އެޓީމުގެ ޒުވާންކެޕްޓަން ހާޒިމް ފައުޒީ(10) އެވެ.

ދެވަނަ ހާފުގެ ކުޅުންފެށިގެން ފްރެންޑްސް ކުލަބް ތަންކޮޅެއް އެޓޭކިން ގޭމެއް ކުޅޭތަން ފެނިގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 56 ވަނަ މިނިޓުގައި އެޓީމުންވަނީ ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައިއެވެ. އެލަނޑު ފްރެންޑްސް ކުލަބަށް ކާމިޔާބުކޮށްދީފައިވަނީ އެޓީމުގެ ކުޅަދާނަ ފޯވަރޑް މުޙައްމަދު ފާސިރު (12)އެވެ.

އެއްވަރުވުމުން މައިލޯސިޓީންވަނީ އެޓޭކިން އަވަސްކޮށް، ކުޅުން ވަރުގަދަކޮށް މުޅިގޭމް ބަދަލުކޮށްފައެވެ. އެގޮތުން ފްރެންޑްސް އިން ލަނޑު ޖެހުމާއެކު މައިލޯސިޓީގެ ހަލުވި ފޯވާރޑްލައިން ވަނީ ސްޕީޑް އަވަސްކޮށް ފްރެންޑްސްގެ ގޯލަށް ގިނަ ހަމަލާތަކެއް އަމާޒުކޮށްފައެވެ. އެހަމަލާތަކުގެ ތެރެއިން އެޓީމުގެ މުޙައްމަދު ނަޝީދު (30) ވަނީ 58 ވަނަ މިނިޓާއި އަދި 79 ވަނަ މިނިޓުގައި 02 ލަނޑުޖަހައި 3-1 ލަނޑުގެ ލީޑަށް ފުޅާކޮށް ކޮށްފައެވެ.

މެޗުގެ 80 ވަނަ މިނިޓުގައި މައިލޯސިޓީ ވަނީ ކައިރި ކައިރީ ބަދަލުކުޅުންތެރިންގެ ގޮތުގައި ޢަލީ އަޝްފާގު(ދަގަނޑޭ) (7) އާއި އީސާ (މެސީ) (33) އަދި ޝަމްވީލް (ބޮންޑާ)(11) ވަނީ ކުޅެން އަރާފައެވެ. ހަމަ އެހެންމެ ފްރެންޑްސް ކުލަބުންވެސް ބަދަލު ކުޅުންތެރިންގެ ގޮތުގައި ހަސަން (3)، ޒައިދާން(30)، ބަލްސަމް(17) އަދި އުލާން(23) ވެސް ވަނީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ފެނިގެން ގޮސްފައެވެ.

މައިލޯސިޓީއިން އެޓީމުގެ 4 ވަނަ ލަނޑު ޖަހާފައިވަނީ 87 ވަނަ މިނިޓުގައި އިބްރާހީމް މަހުދީ (17)އެވެ. އޭގެފަހުން ޖެހި ދެލަނޑުވެސް ޖަހާފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޢަލީ އަޝްފާގެވެ. އޭނާ އެދެ ލަނޑުޖަހާފައިވަނީ މެޗުގެފުރިހަމަ ވަގުތަށްފަހު ކުޅުނު 5 މިނިޓުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މެޗު ނިމިގެން ދިޔައީ ގިނަބަޔަކު ހީކުރި ގޮތާޚިލާފަށް 6-1 ލަނޑުގެ ބޮޑު ތަފާތަކުން މައިލޯސިޓީއިން މެޗު ކާމިޔާބު ކޮށްގެންނެވެ.

ފައިނަލް މެޗަށް ފަހު، މުބާރާތުގައި އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ވަނީ އިނާމާ ޓްރޮފީއާއި އަދި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.

* ޑީޑީކަޕް 2025 ގެ އެކި ވަނަތަކަށް ހޮވުނު ފަރާތްތައް:

- ފައިނަލް މެޗުގެ މޮޅުކުޅުންތެރިޔާ = އިބްރާހީމް މަހްދީ (17) (މައިލޯސިޓީ ސްޕޯޓްސް ކުލަބް)

- އެންމެ މޮޅު ގޯލްކީޕަރ = މުޙައްމަދު އަޝްވާން (މައިލޯސިޓީ ސްޕޯޓްސް ކުލަބް)

- އެންމެ މޮޅު ޑިފެންޑަރ = ހިސާމް ސަލީމް (13) (މައިލޯސިޓީ ސްޕޯޓްސް ކުލަބް)

- އެންމެ މޮޅު މިޑްފީލްޑަރ = ޢަބްދު ﷲ ޖުނައިދު (47) (މައިލޯސިޓީ ސްޕޯޓްސް ކުލަބް)

- އެންމެ މޮޅު ފޯވަރޑް = މުޙައްމަދު ފާސިރު (12) (ފްރެންޑްސް ކުލަބް)

- އެންމެ އުއްމީދީ ކުޅުންތެރިޔާ = މުޙައްމަދު ސަހާއު (7) (އެސްއެމްޓީ)

- އެންމެ މޮޅު ކޯޗް = މުޙައްމަދު ދިމްނާހް (މައިލޯސިޓީ ސްޕޯޓްސް ކުލަބް)

- މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ = ޢަލީ އަޝްފާޤު(7) (މައިލޯސިޓީ ސްޕޯޓްސް ކުލަބް)

- މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ = ޚަލީލް ގަމާލް ޚަލީލް (11) (ފްރެންޑްސް ކުލަބް)

- ފޭން އެވާޑް = މައިލޯސިޓީ ސްޕޯޓްސް ކުލަބް

- ފެއަރ ޕްލޭ ޓީމް= ފްރެންޑްސް ކުލަބް

- ރަނަރއަޕް ޓީމް= ފްރެންޑްސް ކުލަބް

- ޗެމްޕިއަންޓީމް = މައިލޯސިޓީ ސްޕޯޓްސް ކުލަބް

މީގެ އިތުރުން ޑީޑީ ފައުޑޭޝަނުންވަނީ މުބާރާތުގެ ފަނޑިޔާރުކަން ކޮށްފައިވާ ރެފްރީނާއި އަދި އޮފުޝަލުންގެ އިތުރުން ސްޕޮންސަރުންގެ އަގު ވަޒަންކޮށް އެކަމުގެ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.

ޑީޑީކަޕް 2025 އަކީ މަރަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު، އަޙްމަދުދީދީ އިންތިޚާބުގެ ކެމްޕެއިނުގައި މަރަދޫގެ ޒުވާނުންނަށް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް މޭމަހުގެ 17 ވަނަ ދުވަހުންފެށިގެން 01 ޖޫން ގެ ނިޔަލަށް ކުރިއަށް ގެންދެވުނު މުބާރާތެކެވެ. މިމުބާރާތް މިއަދު ނިންމާލާފައިވަނީ އަންނަ އަހަރުވެސް މިފަހަރުގެ މުބާރާތަށް ވުރެ ފޯރިގަދަ މުބާރާތެއް ބާއްވާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން