މަރަދޫ ދާއިރާގެ މެމްބަރު އަހްމަދު ދީދީ
މަރަދޫ ދާއިރާގެ މެމްބަރު އަހްމަދު ދީދީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށް ފަށްޓަވާފައިވާ ތާރީޚީ "ރަސްމާލެ" މަޝްރޫޢުގެ ތެރެއިން، ދައުލަތުގެ ބަޖެޓަށް ބުރަނުވެ ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކަށް އިދިކޮޅު އެމްޑީޕީން އަނެއްކާވެސް ފާޑުކިޔައިފިއެވެ.

ރާއްޖޭގެ މީޑިއާއެއްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެމްޑީޕީ ޕާލަމެންޓަރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރ، މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ ވަނީ، ރަސްމާލެ ތަރައްޤީކުރުމަށް ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަށް ބިން ދޫކުރުމަކީ ޤައުމަށް ފައިދާހުރި ކަމެއް ނޫން ކަމަށް ވިދާޅުވެ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކަށް ފާޑުވިދާޅުވެފައެވެ.

ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި މި މޮޑެލްގެ ދަށުން ބޭރުގެ އިންވެސްޓަރުން އަމިއްލަ ޚަރަދުގައި 5000 ހައުސިންގ ޔުނިޓު ތަރައްޤީކޮށް ސަރުކާރާ ޙަވާލުކުރާނެއެވެ. މިއީ ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ނުކޮށް، ދިވެހި އެތައް ހާސް ރައްޔިތުންނަކަށް ހިލޭ ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެ އަގުހުރި ފުރުޞަތެކެވެ. މީގެއިތުރުން، މި މަޝްރޫޢުގެ ތެރެއިން ޓްރާންސެކްޝަން ފީގެ ގޮތުގައި ދައުލަތަށް ބޮޑު އާމްދަނީއެއް ލިބި، ރާއްޖެއަށް ބޭރު ފައިސާ ވަންނާނެ މަގުތައް ތަނަވަސްވެގެންދާނެއެވެ.

މެންބަރު ދީދީގެ ވާހަކައިގައި، މީގެ ކުރިން އެމްޑީޕީ ސަރުކާރުން ރާއްޖޭގެ މައި އެއާޕޯޓު ޖީއެމްއާރަށް ދޫކޮށްލި މައްސަލަ ދިފާޢުކުރައްވަން މަސައްކަތް ކުރެއްވި ނަމަވެސް، މި ސަރުކާރުން ކުރިއަށްގެންދަނީ ދިވެހިރައްޔިތުންގެ ޙައްޤުތަކާއި ޤައުމީ މަސްލަހަތު ފުރިހަމައަށް ރައްކާތެރިކުރެވިފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫޢުތަކެކެވެ.

އިދިކޮޅު ފަރާތްތަކުން މިފަދަ ބޮޑެތި ތަރައްޤީގެ މަޝްރޫޢުތަކާ ދެކޮޅަށް އަޑުއުފުލަމުން ދިޔަ ނަމަވެސް، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމާއި އިޤްތިޞާދީ ދަތިތަކަށް އަވަސް އަދި ދާއިމީ ޙައްލެއް ގެނެސްދިނުމެވެ.



ކިޔުންތެރިންގެ ހިޔާލު