ޕްރެސް ކޮންފަރެންސެއްގައި ވަޒީރު ހައިދަރު
ޕްރެސް ކޮންފަރެންސެއްގައި ވަޒީރު ހައިދަރު
މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރި ކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ 113 ވަނަ ބައިނަލްއަޤްވާމީ ލޭބަރ ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވަމުންނެވެ.

އެގޮތުން ވަޒީރު ވިދާޅުވީ ދިވެހި ސަރުކާރުން މަސައްކަތްތެރިންގެ ޙައްގުތައް ރައްކާތެރިކޮށް، އިޖުތިމާޢީ އަދާލަތު ގާއިމުކޮށް، އެންމެންގެ ބައިވެރިވުން އޮންނަ ދެމެހެއްޓެނިވި ލޭބަރ މާކެޓެއް ގާއިމުކުރުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.

އަދި ފާއިތުވި އަހަރުތަކުގައި އައިއެލްއޯގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމާއި އެކަށީގެންވާ ވަޒީފާތައް އުފެއްދުމަކީ އިގްތިސާދީ ތަރައްގީއާ ވަކިނުކުރެވޭނެ އެއްޗެއްކަމަށެވެ.

މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނު ފާސްކޮށްފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ރައްކާތެރި، އަބުރުވެރި އަދި ހަމަހަމަ ފުރުސަތުތައް ލިބޭ މަސައްކަތު މާހައުލެއް ގާއިމުކުރަން ރާއްޖޭން ސާބިތުކަމާއެކު ތިބިކަން މި ޤާނޫނުން ހާމަވެގެންދާކަމަށެވެ. އަދި ޤައުމު ތަރައްގީވެގެންދާނީ މަސައްކަތްތެރިންގެ ދުޅަހެޔޮކަން ކަށަވަރުކުރެވިގެން ކަމަށް ރާއްޖޭން ގަބޫލުކުރާކަންވެސް ފާހަގަކުރެއްވިއެވެ.

‎މީގެއިތުރުން، މަސައްކަތްތެރިންގެ ޙައްގުތައް ކަށަވަރު ކުރުމަށް ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖޭން އައިއެލްއޯގެ "ގްލޯބަލް ކޯލިޝަން ފޯ ސޯޝަލް ޖަސްޓިސް" ގައި ބައިވެރިވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ދިވެހި ސަރުކާރުންވެސް އެކި ކަންކަމުގައި ވަޒީފާ ދޭ ފަރާތްތަކާއި މަސައްކަތްތެރިންނާ ގުޅިގެން މަސައްކަތް ކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން