އުނދަގުލެެއް ނެތި ބަޖެޓްގެ ދަރަނި މެނޭޖްކުރެވެނީ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ހަރުދަނާކަމުން ކަމަށް ކުރީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީ އަށް ރޭ ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ރައީސުލްޖުމުހޫރިއްޔާގެ ސްޕެޝަލް އެންވޯއި އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ވިދާޅުވީ ބަޖެޓްގެ ދަރަނި މެނޭޖްކުރެވެނީ ސަރުކާރުގެ ސިޔާސަތު ރަނގަޅުވީމަ ކަމަށާއި، އެކަމަށް އެމަނިކުފާނު އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ. ރައީސް ޑރ. ވަހީދު ވިދާޅުވީ، ދައުލަތުގެ ދަރަނި މެނޭޖްކުރުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި މާލީ ވަޒީރު އަދި އިކޮނޮމިކް މިނިސްޓަރު ގެންގުޅުއްވާ ސިޔާސަތުގެ ހަރުދަނާކަމުން މިހާތަނަށް ވެސް ރަނގަޅަށް މެނޭޖްކުރެވެމުންދާ ކަމަށެވެ.

"މިހާރު ވެސް މިހާތަނަށް މިހާ އޮމާންކޮށް އަދި މި ދަނީ ވެސް އެއްވެސް ފަރާތެއްގެ މާ ބޮޑު އުނދަގުލަކާ ނުލައި މިދަނީ ވެސް ދައުލަތުގެ ފަރާތުން ސަރުކާރުން މިހާރު ގެންގުޅުއްވާ ސިޔާސަތު ރަނގަޅު ވީމަ،" ކުރީގެ ރައީސް ޑރ. ވަހީދު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. ވަހީދު ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުތަކުން ލޯނު ނަގާފައިވަނީ ރައްޔިތުންގެ ލާބަޔާ މަންފާ އަށް ކޮންމެހެން ކުރަންޖެހޭ ކަންކަން ކުރުމަށް ކަމަށެވެ. އެގޮތުން މިހާތަނަށް ނަގާފައިވާ ލޯނުތަކުން ރައްޔިތުންނަށް ފައިދާ އެއް ނުވާ ކަމަށް ބުނެ ދައްކާ ވާހަކައަކީ ރަނގަޅު ވާހަކަ އެއް ނޫން ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ދަރަނީގެ ކަންކަން ހަމަ އެންމެ ސަރުކާރެއްގެ ބޮލަށް ޖެހުމަކީ ހަމަޖެހޭ ކަަމެއް ނޫން ކަމަށެވެ.

"އެ ލޯނުތަކާއި އެއްޗެހި ނެގިފައި ހުރީ ރައްޔިތުންނަށް ފައިދާ ވާގޮތަކަށް ނޫނޭ. މިއިން ރައްޔިތުންނަށް ވީ ކޮން ފައިދާއެއް ހޭ ބުނާނެ ތަނެއް އޮތް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ލޯނު ނަގައިގެން ކުރީގެ ސަރުކާރުތަކުން ކޮށްފައިވާ އުމުރާނީ ތަރައްޤީގެ ކަންކަމުން މިސާލު ދައްކަވަމުން ކުރީގެ ނާއިބް ރައީސް ކަންވެސް ކުރެއްވި ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި ދަރަނި މެނޭޖްކުރުމަށް ރައީސް މުޢިއްޒު ޕްލޭންތަކެއް ގެންގުޅުއްވާކަން ފާހަގަކުރައްވައި، އެކަމުގައި އެހީތެރިވެދެއްވުމަކީ އެމަނިކުފާނަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ. އަދި ބައިނަލްއަޤްވާމީ ދާއިރާގައި ދިގު މުއްދަތަކަށް މަސައްކަތްކުރައްވާފައި ވާތީ، އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަންކަމާއި ދަންނަ ފަރާތްތަކުގެ އެހީތެރިކަން ހޯއްދަވައިގެން މިކަމުގައި އެހީތެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވިއެވެ.

ޑރ. ވަހީދު އިތުރަށް ވިދާޅުވީ، ދަރަނި އަދާކުރުމުގައި ހުރިހާ ރައްޔިތުން އެއްބާރުލުން ދޭންޖެހޭ ކަމަށެވެ.

"އެއީ ރައްޔިތުންގެ އިހުސާސް ތައް ދެނެގަނެގެން އެކި ދުވަސްވަރު އެކި ރައީސުން ތިބެގެން ރައްޔިތުންނަށް ކޮށްދީފައި ހުރި މަސައްކަތް، ދެން އެ ލޯންތައް ދެއްކުމުގައި ވެސް ޖެހޭނެ އަޅުގަނޑުމެންނަށް ވީވަރަކުން ހުރިހާ އެންމެން އެއްބާރުލުން ދޭން." ރައީސް ވަހީދު ވިދާޅުވިއެވެ.

ދައުލަތުގެ ދަރަނި މި އަހަރު 150 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް މިއަހަރުގެ ބަޖެޓުގައި ލަފާކޮށްފައި ވެއެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 124 ޕަސެންޓެވެ.

ދަރަނި އަދާކުރުމަށް ދައުލަތުން މި އަހަރު 9.4 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހޭއިރު އަންނަ އަހަރު ދަރަނި އަދާކުރަން 15 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ. އެހެންވެ، މިއީ ރާއްޖޭގެ ތާރީހުގައި ވެސް ދަރަނި އަދާކުރަން އެންމެ ބޮޑު އަދަދެއް ހޭދަކުރަން ޖެހޭ ދެ އަހަރު ކަން ފާހަގަކޮށްލެވެއެެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން