ފޮޓޯ: ޗައިނާ ސަފީރު-
ފޮޓޯ: ޗައިނާ ސަފީރު-
ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ޤައުމީ ކަރާމާތް ރައްކާތެރި ކުރުމަށާއި، ރާއްޖޭގެ ހާލަތާ ގުޅޭގޮތުން ތަރައްޤީގެ އަމިއްލަ މަގެއް އިޚްތިޔާރުކުރުމަށް ޗައިނާއިން އަބަދުވެސް ފުރިހަމައަށް ތާއީދުކުރާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރަށްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މީސްމީޑިއާގައި ހިއްސާކުރެއްވި ތަހުނިޔާގެ މެސެޖެއްގައެވެ. ސަފީރުގެ މެސެޖުގައި ވަނީ ރާއްޖޭގެ ސަރުކާރަށާއި ރައްޔިތުންނަށް ޖުމްހޫރީ ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާ އަރިސްކުރަށްވާފައެވެ.

ސަފީރުގެ މެސެޖުގައި، ޖުމްހޫރިއްޔަތެއް ޤާއިމުވުމަކީ ރާއްޖޭގެ ތާރީޚުގައި ވެސް ފާހަގަކޮށްލެވޭ މުހިންމު ބޮޑު ބަދަލެއް ކަމަށް ވިދާޅުވެފައިވެއެވެ. އަދި މިއީ ޤައުމުގެ ތާރީޚާއި، ސިޔާދަތާއި، ކުރިމަގުގެ އުންމީދުތަކާ މެދު ފުންކޮށް ވިސްނާލަން ލިބޭ މުހިންމު ފުރުޞަތެއް ކަމަށް ވެސް ވިދާޅުވިއެވެ. މި މޭރުމުން ވާހަކަދައްކަވަމުން، ޗައިނާގެ ވެރިރަށް ބެއިޖިންގ ގައި ދާދިފަހުން ބޭއްވި ޗައިނާގެ ޑިމޮކްރެޓިކް އިންޤިލާބުގެ ބާނީ ސަން ޔަޓް-ސެންގެ 160 ވަނަ އުފަންދުވަހުގެ ޖަލްސާގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ދެއްކެވި ވާހަކަފުޅަށް ވެސް ސަފީރު އަލިއަޅުއްވާލެއްވިއެވެ.

ޗައިނާގެ ސަން ޔަޓް-ސެންގެ 160 ވަނަ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ބެއިޖިންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވާހަކަފުޅުގައި، ސަން ޔަޓް-ސެންގެ ޚިދުމަތްތައް ފާހަގަކުރަށްވައި، އޭނާއަކީ ޗައިނާގެ މިނިވަން ކަމަށާއި، އިޖުތިމާޢީ ކުރިއެރުމަށާއި، ރައްޔިތުންގެ ލާބައަށް މުޅި އުމުރު ހޭދަކުރެއްވި ބަޠަލެއްކަން ފާހަގަކުރެއްވިއެވެ. ޤަރުނަކަށްވުރެ ކުރިން 1911 ވަނަ އަހަރު ސަން ޔަޓް-ސެން އިސްނަންގަވައިގެން ގެނައި އިންޤިލާބަކީ ޗައިނާގައި ޒަމާންތަކެއް ވަންދެން އޮތް ރަސްކަން ނިމުމަކަށް ގެނެސް، ޖުމްހޫރިއްޔަތަކަށް މަގުފަހިކޮށްދިން މުހިންމު ފިޔަވަޅެކެވެ.





ޗައިނާ ސަފީރުގެ މެސެޖުގައި އިތުރަށް ވިދާޅުވީ، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުމަކީ އެއް ޤައުމު އަނެއް ޤައުމަށް އިޙްތިރާމްކުރުމާއި ހަމަހަމަކަމުގެ މައްޗަށް ބިނާވެފައިވާ ދިގު މާޒީއެއް އޮތް ގުޅުމެއް ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ބަދަހިކޮށް، ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާވާނޭހެން "ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް" އިތުރަށް ހަރުދަނާކުރުމަށް ޗައިނާ އަބަދުވެސް އޮތީ ތައްޔާރަށް ކަމަށް ސަފީރު ވިދާޅުވިއެވެ.

އޭގެއިތުރުން ސަފީރު ވަނީ ރާއްޖެއަށް ދެމިގެންވާ އަމަންއަމާންކަމާއި ފާގަތިކަމަށް އެދިވަޑައިގެން، ދެ ޤައުމުގެ އެކުވެރިކަން އަންނަން އޮތް ޖީލުތަކަށް ދެމިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް