މާލެ އާއި ޗައިނާގެ ހައިކޯ ސިޓީއާ ދެމެދު އެކުވެރިކަމުގެ ގުޅުން ގާއިމުކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރުން، ފޮޓޯ: ކައުންސިލް
މާލެ އާއި ޗައިނާގެ ހައިކޯ ސިޓީއާ ދެމެދު އެކުވެރިކަމުގެ ގުޅުން ގާއިމުކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރުން، ފޮޓޯ: ކައުންސިލް
ދިވެހިރާއްޖޭގެ ވެރިރަށް މާލެ ސިޓީ އާއި ޗައިނާގެ ހައިނާން ޕްރޮވިންސްގެ ހައިކޯ ސިޓީއާ ދެމެދު އެކުވެރިކަމުގެ ގުޅުން ގާއިމުކުރުމަށްޓަކައި ލެޓަރ އޮފް އިންޓެންޓް (އެލްއޯއައި) އެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި މާލެ ސިޓީގެ ފަރާތުން ސޮއިކުރެއްވީ މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް އެވެ. އަދި ހައިކޯ ސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ސިޓީގެ މޭޔަރު ޒޭންގް ޔޮންގް އެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޗައިނާގެ ހައިކޯ ސިޓީގައި މިހާރު ކުރިއަށްދާ 2026 ވަނަ އަހަރުގެ "ޔުނައިޓެޑް ސިޓީސް އެންޑް ލޯކަލް ގަވަރމަންޓްސް އޭޝިއާ-ޕެސިފިކް" (ޔޫސީއެލްޖީ އަސްޕެކް) ކައުންސިލް ބައްދަލުވުމުގެ ހަވާސާގައެވެ.

މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، މިއަދު ވެވުނު މި އެއްބަސްވުމަކީ މާލެ އާއި ހައިކޯ ސިޓީއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ދެ ސިޓީގެ ދެމެދުގައިވާ އެއްބާރުލުން އައު ހަރުފަތަކަށް ގެންދިއުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ސިޓީގެ ދެމެދުގައި މައިގަނޑު މުހިންމު ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ވިޔަފާރި އާއި އިޤްތިޞާދީ ދާއިރާ، ދަނޑުވެރިކަން، ތަޢުލީމީ ދާއިރާ އަދި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމާއި، ތަޖުރިބާ ބަދަލުކުރުން ހިމެނެއެވެ.

މީގެއިތުރުން، މިއީ ދެ ސިޓީގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އެއްބަޔަކު އަނެއް ބަޔަކު ދެނެގަތުމާއި އިޤްތިޞާދީ ގޮތުން ފާގަތިކަން ހޯދުމަށް ދެ ސިޓީން ގެންގުޅޭ އެއްގޮތް ވިސްނުން ރަމްޒުކޮށްދޭ ކަމެކެވެ. އަދި މި ފިޔަވަޅުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ދެ ސިޓީގެ ދެމެދުގައި ރަސްމީކޮށް "ފްރެންޑްލީ ސިޓީ" ގެ ގުޅުން ގާއިމުވެގެން ދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް