މާލެސިޓީ-
މާލެސިޓީ-
މާލެ ސިޓީ ކައުންސިލުގެ ޤާނޫނީ ބާރުތަކަށް އަސަރުކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައި ހިމެނޭ ބައެއް މާއްދާތަކުގެ ދުސްތޫރީ ސައްޙަކަމާމެދު ސުވާލު އުފައްދައި، އެ މައްސަލައިގައި ޝަރުޢީ މަރުހަލާ ފެށުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 24 ވަނަ ރަސްމީ ޢާންމު ޖަލްސާގައެވެ. މިކަމާ ބެހޭ ޝަރުޢީ މަރުހަލާ ކުރިއަށް ގެންދިއުމަށް ފާސްވީ ޖަލްސާގައި ބައިވެރިވި 13 ކައުންސިލަރުންގެ އިއްތިފާގުންނެވެ.

މި މައްސަލަ ކައުންސިލްގެ ޖަލްސާއަށް ހުށަހަޅުއްވަމުން މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެންބަރު ޙުސައިން ފުރުޝާން ވިދާޅުވީ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" (ޖީއެމްޓީއެމްއޯ) އުފައްދަވާފައިވާ ކަމަށެވެ. އަދި އެ އޮފީހުގެ މެންޑޭޓުގައި ހުރި ކަންކަމާއި މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކާ ފުށުއެރުންތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

ފުރުޝާން އިތުރަށް ވިދާޅުވީ، ޖީއެމްޓީއެމްއޯއަށް ބާރުތައް ދިނުމުގެ ގޮތުން މާލެ ސިޓީ ކައުންސިލްގެ ޤާނޫނީ ޒިންމާތައް އަލުން ބަހާލައި ނުވަތަ ހަނިކޮށްފައިވާ މިންވަރަށް ރިއާޔަތްކޮށް، އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ގެނެވުނު އިސްލާހުގެ މާއްދާތަކާ ދެކޮޅަށް ޝަރުޢީ މަރުހަލާއެއް ފަށަންޖެހޭ ކަމަށެވެ. މީގެއިތުރުން، މި މައްސަލާގައި ޝަރީޢަތުން ވަކި ގޮތެއް ނިމެންދެން، ޚިޔާލުތަފާތުވުން ހުރި ބާރުތައް ބަދަލުކުރުން ހުއްޓުވުމަށް ވަގުތީ އަމުރަކަށް އެދި ކޯޓަށް ދިއުމަށް ވެސް އޭނާ ވަނީ ހުށަހަޅުއްވާފައެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލަށް ޤާނޫނީ ބާރުތައް ލިބިދީފައިވާއިރު، ރައްޔިތުން އިންތިޚާބު ކޮށްފައިވާ ސިޓީ ކައުންސިލުން ޒަމާނުއްސުރެ އަދާކުރަމުން އައި މަސްއޫލިއްޔަތުތައް، މަރުކަޒީ ސަރުކާރުގެ ބާރުގެ ދަށަށް އުފައްދާފައިވާ އޮފީހަކަށް އަލުން ބަދަލުކުރުމަކީ ދުސްތޫރީ ގޮތުން ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމެއް ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ކައުންސިލްގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ސަރުކާރުން ގިނަ ހުރަސްތަކެއް އަޅަމުން ގެންދާ ކަމަށެވެ. އެގޮތުން ކައުންސިލުން ވަރަށް ރަނގަޅަށް މަގުތައް ހަދައި، ކާނުތައް ސާފުކޮށް، އަދި ގަސްތައް ބަލަހައްޓަމުންދާ ދަނޑިވަޅެއްގައި، އަދި މި މަސައްކަތްތައް ރައްޔިތުން ބަލައިގެންފައިވާ ވަގުތެއްގައި، ކައުންސިލަށް ސަރުކާރުން ކުރާ ޖެއްސުންތައް ބޮޑުވެފައިވާ ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު