އިންޑިއާގެ އަހްމަދުއާބާދުން ފުރައިގެން ލަންޑަނަށް ދަތުރުކުރި އެއާ އިންޑިއާގެ މަތިންދާބޯޓް ވެއްޓުނު ހާދިސާގައި ބޯޓު ވެއްޓުނު ސަރަހައްދުން 204 މީހުންގެ ހަށިގަނޑު ފެނިއްޖެއެވެ.

މި ބޯޓު ވެއްޓިފައިވަނީ އިންޑިއާގެ އަހްމަދުއާބާދުގެ ސަރުދާރު ވައްލަބްބައި ޕަޓޭލް އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ. ލަންޑަނަށް ދަތުރުކުރި އެ ބޯޓުގައި 242 މީހުން ދަތުރުކޮށްފައިވާއިރު އޭގެ ތެރޭގައި 230 ފަސިންޖަރުންނާއި 12 ކްރޫ މެންބަރުން ހިމެނޭ ކަަމަށް ރިޕޯޓް ތައް ބުނެއެވެ. އެއާ އިންޑިއާއިން ބުނީ އެ ބޯޓުގައި ދަތުރުކުރީ 169 އިންޑިއާ ރައްޔިތުންނާއި، އިނގިރޭސިވިލާތުގެ 53 ރައްޔިތުންނާއި، ޕޯޗުގީޒު 07 މީހަކާއި، ކެނެޑާގެ ރައްޔިތެއް ކަމަށެވެ.

ބީބީސީއިން ރިޕޯޓް ކޮށްފައިވާގޮތުން ބޯޓު ވެއްޓުނު ސަރަޙައްދުން މިހާރު ވަނީ 204 ހަށިގަނޑު ނަގާފައެވެ. އޭގެ ތެރެއިން މަތިންދާބޯޓުގައި ތިބި މީހުންކަމެއް ނުވަތަ ބޯޓު ވެއްޓުނު ސަރަޙައްދުގައި ތިބި މީހުންކަމެއް އަދި ނޭނގޭ ކަަމަށް ބީބީސީ އިން ބުނެއެވެ. ވެއްޓުނު ބޯޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތްވި ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

އެއާ އިންޑިއާ ބޯޓު ވެއްޓުނީ އެއާޕޯޓު ކައިރީގައި ހުރި ޑޮކްޓަރުން ދިރިއުޅޭ އިމާރާތެއްގެ މައްޗަށް ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ. އިންޑިއާގެ ނޫހެއްކަމަށްވާ ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓް ކޮށްފައިވާގޮތުން ބޯޓު ވެއްޓުނީ ފާރެއްގައި ޖެހިގެންނެވެ. އިންޑިއާ ގަޑިން މެންދުރު 1:39 ހާއިރު، އަހުމަދުއާބާދުގެ ސަރުދާރު ވައްލަބްބައި ޕަޓޭލް އިންޓަނޭޝަނަލް އެއާޕޯޓުން، މަތިންދާ ބޯޓު ދަތުރު ފެށީ، ލަންޑަންގެ ގެޓްވިކް އެއާޕޯޓަށް ދިއުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. ބޯޓު ވެއްޓުނީ އެއާޕޯޓް ޕެރިމީޓަރާ ކައިރީ، މީހުން ދިރިއުޅޭ މެގަނީ ނަގަރު ސަރަހައްދަށެވެ. ބޯޓުގެ ސިގްނަލް ގެއްލުނީ 625 ފޫޓު މައްޗަށް އުދުހިފައި ހުއްޓައި ކަމަށާއި ބޯޓު ވެއްޓުނީ އެއާޕޯޓުން ޓޭކްއޮފް ކުރިތާ ގާތްގަނޑަކަށް އެއް މިނެޓް ފަހުން ކަމަށް ރިޕޯޓް ތައް ބުނެއެވެެ.

އެއާ އިންޑިޔާގެ މަތިންދާބޯޓް ވެއްޓެން ދިމާވި ސަބަބެއް ސާފުނުވި ނަމަވެސް މިއަދު ވެއްޓުނު އެއާ އިންޑިއާ ފްލައިޓްގައި، އެ ހާދިސާގެ ދެ ގަޑިއެއްހާއިރު ކުރިން ދަތުރުކުރި މީހަކު އެ ބޯޓުން ފާހަގަކުރެވުނު އާދަޔާ ހިލާފް ކަންތައްތަކެއްގެ ވާހަކަ ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފައެވެ. އާކާޝް ވަޓްޝާ ނަމަކަށް ކިޔާ މީހަކު އެ ބޯޓުގައި ނަގާފައިވާ ކަމަށް ބުނާ ފޮޓޯ އާއި ވީޑިއޯތަކާ އެކު ބުނީ އިންފްލައިޓް-އެންޓަޓައިންމަންޓު އެއްގޮތަކަށް ވެސް މަސައްކަތެއް ނުކުރާ ކަަމަށާއި ބޯޓުގެ އޭސީ ވެސް ނުޖެއްސި ތިބެންޖެހުނީ ގަދަ ހޫނުގައި ކަމަށެވެ.

ބޯއިން 787-8 ޑްރީމްލައިނާގައި އިނދެ ވަޓްޝާ ވާހަކަ ދައްކަމުން ނަގާފައިވާ ވީޑިއޯގައި ބުނެފައިވަނީ އިންފްލައިޓް އެންޓަޓައިންމަންޓް ސިސްޓަމު އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. އަދި އޭގެ ރިމޯޓަށް ފިތައި ބޮކިތައް ދިއްލަން އުޅެ އެކަން ވެސް ނުވި ކަމަށާއި ކެބިން ކްރޫންނަށް ގޮވުމަށް ބޭނުންކުރާ ބަޓަންތަކަށް ފިތުމުން އޭގެ މަސައްކަތް ވެސް ނުކުރާކަން ވަޓްޝާ ވަނީ ބުނެފައެވެ.

އޭނާ ބުނީ ދިއްލީން އަހްމަދުއާބާދަށް އައުމަށް އެންމެން ފްލައިޓަށް އަރާފައި ވަނިކޮށް ފްލައިޓް ނަންބަރު ބަދަލުކުރި ކަމަށާއި އެހެންވެ ކަނެކްޓިން ފްލައިޓަކަށް ލަންޑަނަށް ދާން އޭގައި ތިބި މީހުން އެ ހިސާބުން ފައިބަން ޖެހުނު ކަމަށެވެ.

ނަމަވެސް ބޯޓު ވެއްޓެން ދިމާވި ސަބަބަކާ ގުޅޭ ގޮތުން ރަސްމީ އެއްވެސް އިދާރާއަކުން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. މިއީ ޑްރީމްލައިނާ 787-8 މަރުކާގެ ބޯޓެއް ވެއްޓުނު ފުރަތަމަ ފަހަރު ކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން