އީރާންގެ އެކި ތަންތަނަށް އިޒްރޭލުން ރޭ ފަތިހު ހަމަލާތައް ދިނުމުން ރައްދު ދިނުމުގެ ގޮތުން 100 ވަރަކަށް ޑްރޯން އިޒްރޭލަށް އަމާޒުކޮށް ފޮނުވާލައިފި އެވެ.

އީރާންގެ އެކި ތަންތަނަށް އަމާޒުކޮށް އިޒްރޭލުން ރޭ ފަތިހު ވަނީ ވަރުގަދަ ހަމަލާތައް ދީފައެވެ. އެހަމަލާތައް ހުއްޓާނުލައި ކުރިއަށް ގެންދާ ކަމަށް އިޒްރޭލުން ބުނެއެވެ.

އިސްރާއީލުން އިރާނާއި ދެކޮޅަށް ރޭ ދިން ވަރުގަދަ ހަމަލާތަކާއި ގުޅިގެން އިރާނުން މީގެ ކުރިން ވަނީ ރައްދު ހަމަލާތައް ދޭނެ ކަމުގެ އިންޒާރު ދީފައެވެ. އޭގެ ފަހުން މީޑިއާތަކުން ވަނީ އިރާނުން ރައްދު ހަމަލާތައް ދޭން ފަށާފައިވާކަން ހާމަކޮށްފައެެވެ.

މީޑިޔާ ރިޕޯޓްތަކުން ބުނާ ގޮތުގައި އިރާނުން އިސްރާއީލާއި ދެކޮޅަށް ވަނީ 100 ޑްރޯން ފޮނުވާލާފައެވެ. އަދި އެ ޑްރޯންތަައް އިސްރާއީލަށް ފޯރަން ގަޑިއިރުތަކެއް ނަގާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އިރާނުގެ ހަމަލާތައް ފެށިކަން އިސްރާއީލުން ވެސް ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ 100 އެއްހާ ޑްރޯން މިވަގުތު އިސްރާއީލާއި ދިމާލަށް ދަތުރު ކުރަމުންދާ ކަމަށެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ، ޑްރޯންތައް ވައްޓާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިސްރާއީލުގެ ވައިގެ ސިފައިން އިރާނުގެ ވައިގެ ސަރަހައްދަށް ޖެޓުތަކުގައި ވަދެ ހަމަލާތައް ދީފައިވަނީ އިރާނުގެ ނިއުކްލިއާ ސައިޓުތަކަށާއި އާންމުންނަށް އަމާޒުކޮށެވެ.

ރިޕޯޓްތައް ބުނާގޮތުން އީރާންގެ ނަތަންޒްގައި ހުންނަ ނިއުކްލިއާ މަރުކަޒަކަށް ދެފަހަރެއްގެ މަތީން ހަމަލާދީފައިވާއިރު އިރާނުގެ ވެރިރަށް ތެހެރާނަށްވެސް ވަރުގަދަ ހަމަލާތަކެއް ވަނީ ދީފައެވެ. މި ހަމަލާތަކުގައި އީރާންގެ ޗީފް އޮފް ސްޓާފާއި ސިފައިންގެ އިސް ކޮމާންޑަރަކާއި ނިއުކްލިއާ ޕްރޮގްރާމާ ގުޅުން ހުރި ބައެއް ސައިންސްވެރިން އަވަހާރަ ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން