އިޒްރާއީލުން އިރާނުގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތައް ދީފައިވަނީ ބައިނަލްއަޤުއާމީ ޤާނޫނުތަކާއި ހިލާފަށް ކަަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިސްރާއީލުގެ މި ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު އަދި މެދުއިރުމަތީގެ ސުލްޙައާއި ސަލާމަތަށް ނުރައްކާވެދާނެ ކަމެއް ކަމަށެވެ. އިސްރާއީލުން ރޭ ފަތިހުން ފެށިގެން އިރާނަށް ދެމުން ގެންދާ ހަމަލާތަކުގައި، އެ ޤައުމުގެ ނިއުކްލިއަރ ފެސިލިޓީތަކާއި މިލިޓަރީ އިންސްޓޮލޭޝަންތަކަށް އަމާޒުކޮށް، ޓެހުރާން، ނަޓަންޒް، ތަބްރީޒް، އިސްފަހާން، އަރާކް އަދި ކަރްމާންޝާ ފަދަ ސަރަހައްދުތަކަށް ވައިގެ ހަމަލާތައް ވަނީ ދީފައެވެ.

މި ހަމަލާތަކުގައި އިރާނުގެ އިސް މިލިޓަރީ އޮފިޝަލުންނާއި ނިއުކްލިއަރ ސައިންޓިސްޓުން ޝަހީދުވެފައިވާކަމަށް އެ ޤައުމުގެ ދައުލަތުގެ މީޑިއާއިން ބުނެއެވެ. އިސްރާއިލުން މިހާރު ވެސް ގެންދަނީ އީރާނުގެ އެކި ހިސާބުތަކަށް ހަމަލާ ދެމުންނެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ، އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން ޣައްޒާއަށް މެދުކެނޑުމެއްނެތި ހަމަލާތައް ދެމުންދާ މިދަނޑިވަޅުގައި އިރާނަށް ދިން މި ހަމަލާތަކުގެ ސަބަބުން މުޅި މެދުއިރުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ނޭދެވޭ އަސަރުކުރާނެ ކަމަށެވެ. އަދި އިސްރާއީލުން ހިންގަމުންދާ ޣައިރު ޤާނޫނީ ޢަމަލުތައް ވަގުތުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމައަށް ރާއްޖެ އިން ވަނީ ގޮވާލާފައެވެ.

މި ހަމަލާތަކުގައި ޝަހީދުވި އިސް އޮފިޝަލުންގެ ތެރޭގައި އައި.އާރް.ޖީ.ސީ ކޮމާންޑަރ ހުސެއިން ސަލާމީ، މިލިޓަރީ ޗީފް މުހައްމަދު ބާގެރީ، އަދި މޭޖަރ ޖެނެރަލް ޣުލާމް ޢަލީ ރަޝީދު ހިމެނެއެވެ. އަދި ނިއުކްލިއަރ ސައިންޓިސްޓުން ކަމަށްވާ ފަރެއިދޫން ޢައްބާސީ އަދި މުހައްމަދު ތެހުރާންޗީ ވެސް ވަނީ ޝަހީދުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން