އިރާނުން އިސްރާއީލަށް ރޭ ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 3 އަށް އަރައިފިއެވެ.

އިސްރާއިލުން އީރާނަށް ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން އިސްރާއީލަށް ރޭ ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އެހަމަލާތައް އިރުއަރަންދެން ކުރިޔަށް ގެންގޮސްފައިވެއެވެ. އީރާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ މިއީ ބަދަލުހިފުމުގެ ގޮތުން އިސްރާއީލަށް ދޭން ރާވާފައިވާ ހަމަލާތަކުގެ ބައެއް ކަމަށެވެ.

އިސްރާއީލުން ބުނީ ތެލް އަވީވުގެ ދެކުނުގައިވާ ރިޝޯން ލެޒިއޯންގެ ގޭގެއާ ކައިރިން އިރާނުން ދިން މިސައިލް ހަމަލާއެއްގައި ދެ މީހަކު މަރުވެ، 19 މީހަކު ޒަޚަމްވެފައިވާ ކަމަށެވެ. ތިން ވަނަ މީހާ މަރުވެފައިވަނީ ރޭ އިރާނުން ދިން ހަމަލާތަކުގެ ކުރީކޮޅު، ވެއްޓުނު ހަތިޔާރެއްގެ ބައެއް ޖެހިގެންނެވެ. އެމީހާ ފެނުނީ ތެލް އަވީވުގެ އިރުމަތީގައިވާ ރާމަތް ގަން ސިޓީގައި މަރުވެފައި އޮއްވާ ކަމަށް އިސްރާއިލުގެ ފުލުހުން ބުނެފައިވެއެވެ.

އީރާނުން ދިން މިހަމަލާތަކުގައި ތިން މީހަކު މަރުވެފައިވާއިރު މިސައިލްތައް ސީދާ އަމާޒަށް ވާސިލް ވުމުގެ ސަބަބުން އިސްރާއީލުން 95 މީހަކު ޒަޚަމްވެފައިވާކަން އިސްރާއީލުންވަނީ ކަށަވަރުކޮށްދީފައެވެ. ޒަޚަމްވީ 95 މީހުންގެ ތެރޭގައި ފުރާނައަށް ނުރައްކާވާ މިންވަރަށް ޒަޚަމްވެފައިވާ ވިއްސަކަށް މީހުން ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ.

އީރާނުގެ މިހަމަލާތަކުގައި އިސްރާއީލުގެ ވެރިރަށް ޓެލްއަވީވުގެ ނުވަ އިމާރާތަކާއި ހައިފާގެ ދެ އިމާރާތެއް އެއްކޮށް ހަލާކުވިކަމަށާ މިހާތަނަށް އިސްރާއީލަށް ދުވަހަކުވެސް ނުލިބޭފަދަ މާއްދީ ބޮޑެތި ގެއްލުންތަކެއް ވެރިރަށް ޓެލްއަވީވަށް ލިބިފައިވާ ކަމަށް އިސްރާއިލުގެ މަސްއޫލުވެރިއަކު ބުނެފައިވެއެވެ.

މީގެ އިތުރުން ޓެލްއަވީވްގެ ގިނަ އިމާރާތްތަކަކާއި ހައިފާ އަދި އިސްރާއީލުގެ އުތުރު ސަރަހައްދުގެ އެތައް އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނީ، ހަމަލާތައް އަމާޒުކޮށްފައިވަނީ އިސްރާއީލުގެ އެއާބޭސްތަކަށާއި، އަސްކަރީ މަރުކަޒުތަކަށް ކަމަށެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުގައި އިސްރާއީލަށް އިރާނުން ރޭ ހަމަލާދީފައިވަނީ މިސައިލްއާއި ރޮކެޓު ބޭނުންކޮށްގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން