ޔުނިވަރސަލްގެ ޗެއަރމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)
ޔުނިވަރސަލްގެ ޗެއަރމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)
އަންނަ މަހުން ފެށިގެން ޔުނިވާސަލްގެ ރިސޯޓްތަކުން ސާވިސް ޗާޖު ދޭނީ ދިވެހި ރުފިޔާއިން ކަމަށް އެކުންފުނީގެ މުވައްޒަފުންނަށް އަންގައިފިއެވެ.

ޔުނިވަރސަލްގެ ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ފޮނުވާފައިވާ ސަރކިއުލާގައި ބުނެފައިވަނީ، މި އަހަރުގެ ޖެނުއަރީ މަހު އަމަލުކުރަން ފެށި ރިސޯޓުތަކަށް ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކްތަކުން މާރުކުރުން ލާޒިމްކުރާ ގާނޫނުގެ ސަބަބުން ރިސޯޓުތަކުގެ އޮޕަރޭޝަންތަކަށް ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ.

އެހެންނަމަވެސް އެކަމުގެ އަސަރު މުވައްޒަފުންނަށް ނުކުރާނެ ގޮތަކަށް ކަންތައްތައް ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތުންވެސް އެކަށީގެންވާ ކުރިއެރުމެއް ނުލިބުނުކަން ރާއްޖޭގައި 8 ރިސޯޓު ހިންގާ ޔުނިވާސަލްގެ ސަރކިއުލާގައި ފާހަގަ ކޮށްފައިވެއެވެ.

އެހެންކަމުން، އަންނަ މަހުން ފެށިގެން، ޔުނިވާސަލް ރިސޯޓްސްގައި ސާވިސް ޗާޖު ލިބޭ ހުރިހާ މުވައްޒަފުންގެ ސާވިސް ޗާޖު ދޭނީ ދިވެހި ރުފިޔާއިން ކަމަށާއި، ދިވެހި ރުފިޔާ އެކައުންޓު ނެތް މުވައްޒަފުންނަށް، ރުފިޔާގެ އެކައުންޓެއް ހުޅުވުމުގައި ކުންފުނިން އެހީތެރިވެދޭނެ ކަމަށް ސާކިއުލާގައިވެއެވެ.

ޔުނިވަރސަލް އިން މިފަދަ ފިޔަވަޅެއް އަޅާފައިވާއިރު، ރިސޯޓުތަކަށް ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކްތަކުން މާރުކުރަން ލާޒިމްކޮށް ހަދާފައިވާ ގަވާއިދު އޮތީ އަމަލުކުރެވޭ ގޮތަށް ނޫން ކަމަށް، އެކުންފުނީގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވެސް ވިދާޅުވެފައިވެއެވެ.

ޔުނިވާސަލް އިން ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ތެރޭގައި، ކުރުނބާ މޯލްޑިވްސް އާއި ވެލައްސަރު މޯލްޑިވްސް އާއި ބަރޮސް މޯލްޑިވްސް އާއި ހުވަފެންފުށި މޯލްޑިވްސް އާއި ކުރަމަތި މޯލްޑިވްސް އާއި މިލައިދޫ މޯލްޑިވްސް އަދި ދިގަލި މޯލްޑިވްސް ހިމެނެއެވެ.

މިހާރު ޢަމަލު ކުރަމުންދާ ބޭރުފައިސާއާއި ބެހޭ ގާނޫނުގެ ދަށުން، ބޭރުފައިސާއިން އާމްދަނީ ލިބޭ ވިޔަފާރި ތަކުން ރާއްޖޭގެ ބޭންކުތަކަށް ވަކި މިންވަރަކަށް ޑޮލަރު މާރުކުރުމަކީ މަޖުބޫރު ކަމެކެވެ.

އެގޮތުން "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކުން ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީގެ 20 އިންސައްތަ ބޭންކުތަކަށް މާރުކުރަން ޖެހެއެވެ. "ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސް ދުވަހުގެ އާމްދަނީގެ 20 އިންސައްތަ ބޭންކްތަކަށް މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން