ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީގެ އިސްބޭފުޅުން އެމްޑީޕީ އާއި ގުޅޭތަން ފެނިގެންދާނެ ކަމަށް އެޕާޓީގެ ރައީސް ޢަބުދު ﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު ސިޓީގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ރައީސް ޢަބުދު ﷲ ޝާހިދު ވިދާޅުވީ، ވެރިކަން ކުރާ ޕީއެންސީގެ އިސް ބޭފުޅުން މިހާރުވެސް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އާ ވާހަކަ ދައްކަމުން ގެންދާ ކަމަށެވެ. އެގޮތުން އެމްޑީޕީން ޑިމޮކްރެޓްސްއާ ގުޅޭ ވާހަކަތައް އިވުނު ފަދައިން، ދެން އިވޭނީ ޕީއެންސީގެ އިސް ބޭފުޅުން އެމްޑީޕީއާ ގުޅޭ ވާހަކަ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ރޭނުން އެރޭ އިވުނީ ޑިމޮކްރެޓްސް އަޅުގަނޑުމެންނާ ގުޅެމުންދާ ވާހަކަ. ދެން އިވިގެންދާނީ ޕީއެންސީގެ ބޮޑެތި ބޭފުޅުން އަޅުގަނޑުމެންނާ ގުޅިގެންދާ ވާހަކަ، އިރާދަކުރެއްވިއްޔާ" ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ޝާހިދު އިތުރަށް ވިދާޅުވީ، މިއަދުގެ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލައި، ރައްޔިތުން މަގުފުރެއްދުމަށް ބޭނުންކުރެއްވި ވަގުތު، އަދި ދޮގު ދުލަކުން ދޮގު ވިއްކަން އުޅުއްވި ދުވަސް މިހާރު ނިމިއްޖެ ކަމަށެވެ.

"މިއަދުގެ ސަރުކާރަށް އަޅުގަނޑު ދަންނަވަން އޮތީ ރައްޔިތުންނަށް އޮޅުވާލުމުގެ ވަގުތު، ރައްޔިތުން މަގުފުރެއްދުމަށް ބޭނުންކުރެއްވި ވަގުތު، ރައްޔިތުންނަށް ދޮގު ދުލަކުން ދޮގު ވިއްކަން އުޅުއްވި އުޅުއްވުން މިހާރު އެ ދުވަސް ހިނގައްޖެ،" ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، މި ސަރުކާރު ހަމަމަގަށް އަޅުވާނެ ކަމަށާއި، ފުވައްމުލަކު ސިޓީއަށް ބޭނުންވާ ތަރައްޤީއާއި ދިވެހިރާއްޖެއަށް ބޭނުންވާ ތަރައްޤީ ގެނެސްދޭނެ ކަމަށެވެ. ޝާހިދު ވިދާޅުވީ ރާއްޖޭގެ ތަރައްޤީ ވަނީ ބޮޑު ތަޅު އަޅުވާފައި ކަމަށާއި ރާއްޖޭގެ އެއްވެސް ހިސާބެއްގައި ތަރައްޤީގެ އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ. ޝާހިދު ވިދާޅުވީ ރާއްޖެ ތަރައްޤީ ކުރަން ކަންކުރާނެ ގޮތެއް ވައްޓަފާޅި އެއް ސަރުކާރުގައި ނެތް ކަމަށެވެ. އަދި މި ސަރުކާރު ބަލިކުރުމަށް ކުރިއަށް ދާން ޖެހުނު ކޮންމެ މަގަކުން އެމްޑީޕީން ކުރިއަށްދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން