ދާޚިލީ ވަޒީރު ޢަލީ އިޙުސާން
ދާޚިލީ ވަޒީރު ޢަލީ އިޙުސާން
ސެންޓްރަލް ޖަލާއި، ހޯޕް އައިލެންޑް ތަރައްޤީކުރުމަށް ބައިނަލްއަޤުވާމީ ހުށައެޅުންތަކެއް ލިބިފައިވާ ކަމަށް ދާޚިލީ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

ދަޢުލަތުގެ މީޑިއާއަށް ރޭ ދެއްވި ބަސްދީގަތުމެއްގައި ވަޒީރު އިޙްސާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އިއުލާންކޮށްފައިވާ މި މަަޝްރޫއުތަކަށް ޖުމްލަ 4 ހުށައެޅުމެއް ލިބިފައިވާއިރު އޭގެތެރެއިން 3 ފަރާތަކީ ބައިނަލްއަޤުވާމީ ފަރާތްތައް ކަމަށެވެ.

އެ މަޝްރޫއު ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައެވެ. އަދި މި މަޝަރޫޢަށް ޕްރޮޕޯސަލް ހުށައަޅާފައިވަނީ 4 ފަރާތަކުންނެވެ.

އިޙްސާން ވިދާޅުވީ، މީގެ ތެރޭގައި ހިމެނެނީ އެމެރިކާ، ޗައިނާ އަދި ދިވެހި ކުންފުންޏެއްގެ އިތުރުން މެލޭޝިއާގެ ކުންފުންޏެއް ކަމަށެވެ. އަދި ޕްރޮޕޯސަލްތައް ދިރާސާ ކުރުމަށްފަހު، އެންމެ ރަނގަޅު ކުންފުނި ކަނޑައަޅައި، އަންނަ ޖުލައި މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށްވެސް އިޙްސާން ވަނީ ވިދާޅުވެފައެވެ.

އިޙްސާން މިހެން ވިދާޅުވެފައިވާއިރު، ސެންޓްރަލް ޖަލާއި، ހޯޕް އައިލެންޑް ތަރައްގީކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވަނީ އުތުރު ތިލަފަޅުގައެވެ. އެގޮތުން ހޯޕް އައިލެންޑްގެ މަސައްކަތަށް 15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، އެ ފެސިލިޓީ ތަރައްޤީ ކުރަނީ، ފެސިލިޓީގައި މަސައްކަތްކުރާ ފަރާތްތައް ހިމެނޭހެން ޖުމްލަ 700 މީހުންގެ ބޭނުންތަކަށް ޖާގަލިބޭ ގޮތަށެވެ.

އޭގެއިތުރުން ސެންޓްރަލް ޖަލު އެޅުމަށް 30 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. ސެންޓްރަލް ޖަލުގައި، ރެޒިޑެންޝަލް ޔުނިޓާއި، ޑްރަގް ރިހެބިލިޓޭޝަން ފެސިލިޓީ އާއި، ހާފްވޭ ހައުސް އާއި، އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ފެސިލިޓީއާއި، 1000 މީހުންގެ ޖާގައިގެ މިސްކިތަކާއި، މެޑިކަލް ފެސިލިޓީ އާއި، މިނޫންވެސް ޖަލަށް ބޭނުންވާނެ ޚިދުމަތްތައް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން