ދުނިޔޭގެ ކޮންމެ ގައުމަކުން އިޒުރޭލަށް ހަމަލާދިނަސް އުފާކުރައްވާ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އާދަމްޝަމީމް ވިދާޅުވެއްޖެއެވެ.

ޝެއިހް މިހެން ވިދާޅުވެފައި މިވަނީ، ދީނީ ދަރުސް ކުލާހެއްގެ ތެރެއިން ޝެއިހް ދެއްކެވި ވާހަކައިގައި، އީރާނާ ގުޅޭގޮތުން ދެއްކެވި ވާހަކައެއްގެ ވީޑިއޯގެ އެއްބައި އެޑިޓުކޮށްގެން ދައުރުކުރާތީ، އެކަން ސާފުކޮށްދިނުމަށް މިއަދު އާންމުކުރެއްވި އޯޑިއޯ މެސެޖެއްގައެވެ.

އޯޑިއޯގައި ޝެއިހު ވިދާޅުވީ ދައުރުވަމުންދާ ވީޑިއޯއަކީ އީރާނާއި އިސްރާއީލާއި ބެހޭ ގޮތުން ދެއްވި ދަރުސެއް ނޫން ކަމަށާއި، އެއީ ބިދުޢައާ ބެހޭ ކްލާހެއްގައި އިއްތިފާޤުން ދިމާވި މައުޟޫއެއް ކަމަށެވެ.

ޝެއިހް ވިދާޅުވީ އިސްލާމީ އުއްމަތް ބައިބައިވެގެން ދިޔަ މައިގަނޑު ސަބަބު ކަމުގައިވާ ބިދުޢައިގެ ނުރައްކާތެރިކަން، ހާއްސަކޮށް ޚަވާރިޖުންނާއި ޝީޢީންގެ ބިދުޢަގެ މައްޗަށް އެ ދަރުސްގައި އަލިއަޅުވާލައްވާފައި ވާނޭކަމަށެވެ.

އެގޮތުން، ޝީޢީންގެ ބިދުޢަގެ ތެރޭގައި ޝިރުކާއި ކުފުރު ހިމެނޭކަން ޝެއިޚް ފާހަގަކުރައްވާފައިވާނޭކަމަށާއި ނަމަވެސް، އިޒުރޭލަށް ކޮންމެ ބަޔަކު ހަމަލާ ދިނުމަކީ ވެސް އޭނާ އުފާކުރައްވާ ކަމެއް ކަމަށް ޝެއިޚް ޝަމީމް ވިދާޅުވިއެވެ.

ޝެއިޙް ވިދާޅުވީ މިއަދު އިޒުރޭލާ އިދިކޮޅަށް ކޮންމެ ބަޔަކު ނުކުތްކަމުގައިވިޔަސް، ކޮންމެ ޤައުމަކުން ހަމަލާދިން ކަމުގައިވިޔަސް އިޒުރޭލަށް ނިކަމެތިކަން ލިބޭ ކޮންމެ ބަޔަކާ އެކުގައި އޭނާ ހުންނަވާނެ ކަމަށެވެ.

ބައެއް މިސާލުގެ ގޮތުގައި ޝެއިހް ވިދާޅުވީ، ޗައިނާއިން އިޒުރޭލަށް ހަމަލާދިނަސް، އޭނާ ޗައިނާ ކޮޅުގައި ހުންނަވާނެ ކަމަށާއި، ފަލަސްތީނުގެ ހައްގުގައި މައިކަލް ޖެކްސަން ލަވައެއް ކިޔާފައި އޮތުމުން މައިކަލް ޖެކްސަން ވެސް ކަމުދާކަމަށާއި ފަލަސްތީނާއި ސީރިއާގެ މުސްލިމުންނަށް އެހީވާތީ ރޮނާލްޑޯ ފަދަ ޣައިރު މުސްލިމުން ވެސް ކަމުދާ ކަމަށެވެ.

ހަމައެގޮތަށް ދުނިޔޭގައި އިންސާނިއްޔަތަށް ލޯބިކުރާ ގިނަ ބަޔަކު އުޅޭއިރު އެ މީހުން އުފައްދާފައި ހުންނަ އެކި ޖަމިއްޔާ ޖަމާއަތްތަކުން ފަލަސްތީނާ އެއްކޮޅަށް ކުރާ ކަންކަމަށް ވެސް ތާއީދު ކުރައްވާކަމަށާއި އެހެންވެ އެމީހުންވެސް ރަނގަޅުވާކަމަށް ވިދާޅުވިއެވެ.

އަދި އީރާނަށް އިތުރު ހިތްވަރާއި ބާރު ދެއްވައި، އިޒުރޭލް ހަލާކުކޮށްލުމަށްޓަކައި އިޒުރޭލް ބަލިވެ، އީރާނަށް ނަޞްރު ލިބުމަށް އެދޭ ކަމަށް ވެސް އޯޑިއޯ މެސެޖުގައި ޝެއިހް ވިދާޅުވެފައިވެއެވެ.

އީރާނަށް ނަޞްރަށް އެދިވަޑައިގަތުމަކީ ޝީޢީންގެ ޢަޤީދާއާއި ގޯސް ކަންތައްތައް ބަލައިގަތުން ނޫން ކަމަށާއި ނަމަވެސް ޝީޢީން ކާފަރުކުރި ކަމަށް ބުނާ ވާހަކައަކީ ރޯބުހުތާނު ދޮގެއް ކަމަށް ވިދާޅުވިއެވެ.

ޝެއިޚް ޝަމީމް ވިދާޅުވީ ޝަހާދަތުގެ ދެކަލިމަ ކިޔައި، އިސްލާމީ އުއްމަތަށް ނިސްބަތްވެ، ގިބްލައަށް ކުރިމަތިލާ ނަމާދުކުރާ ބަޔަކު އޭނާ ކާފަރު ނުކުރައްވާ ކަމަށެވެ. އަދި އޭނާ ބަޔާންކުރެއްވީ ހަމައެކަނި ޝީޢީންގެ ނުރައްކާތެރި ނުބައި ޢަޤީދާގެ ވާހަކަ ކަމަށާއި، އެއީ ހުރިހާ ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ކަމެއް ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން