އޭލެވެލް އެއީ ރާއްޖޭގައި ސްކޫލް ނިންމާ ގުރޭޑުގެ ގޮތުގައި ކަނޑައަޅަން ނިންމާފައިވާކަން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީއު ހާމަކުރައްވައިފިއެވެ.

އޯލެވެލް ނިންމާ ދަރިވަރުންނަށް ދޭ އެވޯޑު ދިނުމަށް މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަފީއު ވިދާޅުވީ، އެގޮތަށް ކަނޑައެޅުމަކީ މި ސަރުކާރުގެ ފަސް އަހަރު ނިމިގެންދާއިރު ވުމަށް ވަރަށް ބޮޑަށް ބޭނުންވާކަމެއް ކަމަށާއި އެކަން ހާސިލުކުރުމަށް މަސައްކަތްތަކެއް ކުރެވެމުން ދާކަމަށެވެ.

"ދަރިވަރުން ބާކީ ކުރުމުގެ ސަގާފަތް ނައްތާލައި، ރާއްޖޭގައި އޭ ލެވެލް އެއީ ސްކޫލް ނިންމާ މަރުހަލާގެ ގޮތުގައި، އިރާދަކުރެއްވިއްޔާމުން މި ފަސް އަހަރު ނިމިގެންދާއިރު، ކަނޑައެޅިގެން ދިއުމަކީ އެއީ ރާއްޖޭގެ ކުރިއެރުމަށް ވަރަށް ބޮޑު ކަމެއް ކަމުގައި ފާހަގަކުރަން، މަނިކުފާނު (ރައީސުލްޖުމްހޫރިއްޔާ) ގެ ލަފާ ފުޅާއި އިރުޝާދާއި އެކުގައި އިރާދަކުރެއްވިއްޔާ އެކަން ހާސިލް ވެގެން ދާނެ." ޝަފީއު ވިދާޅުވިއެވެ.

މިނިސްޓަރު ޝަފީއު ވިދާޅުވީ، އޭލެވެލް މަރުހަލާގައި ގްރޭޑް 11 ނުވަތަ 12 ގައި ކިޔަވާ ދަރިވަރުންގެ އަދަދު ގިނަ ކުރުމަށްޓަކައި 23 ސްކޫލެއްގައި މިދިޔަ އަހަރު ޕައިލެޓް ޕްރޮގްރާމެއް ފެށިކަމަށެވެ.

އެ ޕްރޮގްރާމުން ސަރުކާރު ސްކޫލްތަކުގައި އޭލެވެލްއަށް ކިޔަވާ ދަރިވަރުންގެ އަދަދު ކުރީ އަހަރަށްވުރެ 77 އިންސައްތަ އިތުރުވެގެން ދިޔަ ކަމަށާއި އަދި ސަރުކާރާއި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް އެއްކޮށްލުމުން، އޭލެވެލް ކިޔަވާ ދަރިވަރުން މުޅި ރާއްޖޭގައި 38 އިންސައްތަ އިތުރުވި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އެހެންކަމުން އެ ޕްރޮގްރާމް އިތުރަށް ފުޅާކޮށް މި އަހަރު ނިމުނު އޯލެވެލް ބެޗަށް، މިދިޔަ އަހަރު ހިންގި އެ ޕައިލެޓް ޕްރޮގްރާމް ފެށުމަށް ނިންމާފައިވާކަމަށް ވެސް ޝަފީއު ވަނީ ވިދާޅުވެފައެވެ.

މިހާރު ރާއްޖޭގައި އޮންނަނީ ގުރޭޑް 10 ނިމުމުން އެއީ ސްކޫލް ތައުލީމު ނިމުނީކަމަށް ބަލާގޮތަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން