މެދުއިރުމަތީގެ ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން އޮތީ ތައްޔާރަށް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސަލެންސީ ޑޮކްޓަރ އަލީރިޒާ ދެލްކޯޝް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސަފީރާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އީރާނުގެ އާ ސަފީރާ ރައީސް ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ދެޤައުމުގެ ދެމެދުގައި އޮންނަ އެއްބަނޑު އެއްބަފާ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރުމާއި، އިގުތިސާދީ ގޮތުން އެއްބާރުލުން އިތުރުކުރުމާއި، ފަންނީ ތަޖުރިބާ ޙިއްޞާކުރުމާއި ކުރިއަށް އޮތްތަނުގައި ދޭދޭ ރައްޔިތުންގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ މެދުއިރުމަތީގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، އެ ސަރަހައްދުގެ ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން އޮތީ ތައްޔާރަށް ކަމަށެވެ.

މިރަސްމިއްޔާތުގައި އީރާނުގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު މިފަދަ ކަންކަމުގައި ގެންގުޅުއްވާ ސިޔާސަތަށް ތަޢުރީފުކުރައްވައި، އީރާނުގެ ލީޑަރޝިޕްގެ ނަމުގައި ޝުކުރު އަދާކުރެއްވިއެވެ.

ރައީސް މީގެ ކުރިން ވަނީ، އިޒްރޭލުން އީރާނަށް ދެމުން ގެންދާ ހަމަލާތައް ކުއްވެރިކުރައްވާފައެވެ. އަދި އެ ހަމަލާތަކަކީ ބައިނަލްއަގުވާމީ ޤާނޫނުތަކާ ވަރަށް ބޮޑަށް ޚިލާފު ހަމަލާތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން