ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ހައްގު ނުވާ 23 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ޔޫމެޓް ކޮންސްޓްރަކްޝަންސް އަށް ދީފައިވާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ އޮޑިޓު އޮފީހުން ހެދި މިކަމުގެ ހާއްސަ އޮޑިޓުގައެވެ. އެ ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ބުނެފައިވަނީ، ޅ. ކުރެންދޫ ބަނދަރު ހެދުމުގެ މަސައްކަތް ފުރަތަމަ ހަވާލުކުރި ޔޫމެޓް ކޮންސްޓްރަކްޝަނުން އެ މަސައްކަތް ކުރިއަށް ގެންދަނިކޮށް އެ އެއްބަސްވުން ބާތިލްކޮށް 2013 މާޗު 18 ގައި އެމްޓީސީސީއާ ހަވާލުކުރުމުން އެކަމުގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ ކުންފުނިން ހުށަހެޅުމުން ބަދަލުގެ ގޮތުގައި 26 މިލިއަން ރުފިޔާ ދޭން އިކޮނޮމިކް ކައުންސިލުން އޭރު ނިންމާފައިވާކަމަށެވެ.

އަދި އިކޮނޮމިކް ކައުންސިލުން ގެއްލުމުގެ ބަދަލު ނަގައިދީފައިވަނީ ސަރުކާރަށް ގެއްލުންވާ ގޮތަށްކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

ރިޕޯޓުގައި ބުނީ، އެ ކުންފުންޏަށް އެންމެ ގިނަވެގެން ވެސް ނަގައިދޭންވާނީ 2.7 މިލިއަން ރުފިޔާކަމަށެވެ. ނަމަވެސް 2023 އޭޕްރީލް 30 ގައި އެ ކުންފުންޏަށް 26 މިލިއަން ރުފިޔާ ދޭން އިކޮނޮމިކް ކައުންސިލުން ނިންމާފައިވާކަމަށް ވަނީ ބުނެފައެވެ.

އަދި އެގޮތަށް ނިންމައި 26 މިލިއަން ދޭން ނިންމިއިރު އެއީ ޝަރުޢީ ކޯޓަކުން ވެސް ނަގައިދީފައިނުވާ ފައިސާއެއް ކަމަށް އޮޑިޓުގައި ބުނެފައި ވެއެވެ.

ޔޫމެޓުން ހުށަހަޅާފައިވާ އިންވޮއިސްތަކާއި ފައިސާ ދައްކާފައިވާ އިންވޮއިސްތަކަށް ބަލާއިރު މަސައްކަތް ހުއްޓިފައިވަނީ އޭފްރީލް 1، 2012 ގައެވެ. އެހެންވެ، އެގްރީމެންޓް ބާތިލުކުރުމާ ހަމައަށް އައިޑަލް ކޮސްޓް ޗާޖު ކުރަން ޖެހޭނީ 343 ދުވަހަށް ކަމަށްވާތީ އެ މުއްދަތުގެ އަގުގެ ގޮތުގައި ބެލެވެނީ 2.7 މިލިއަން ރުފިޔާ ކަމަށް އޮޑިޓުގައި ބުނެފައިވެއެވެ.

ނަމަވެސް އައިޑަލް ކޮސްޓްގެ ގޮތުގައި އެ ކުންފުންޏަށް 6.2 މިލިއަން ރުފިޔާ ވަނީ ދީފައެވެ.

ރިޕޯޓުގައި ބުނެފައިވަނީ އެ ކުންފުނިން ނުކުރާ މަސައްކަތްތަކަކަށް ވެސް ބަދަލުގެ ގޮތުގައި ފައިސާ ދީފައިވާކަމަށެވެ.

އަމިއްލަ ކުންފުންޏަކަށް މިފަދައިން ގިނަ އަދަދެއްގެފައިސާ ބަދަލުގެ ގޮތުގައި ދީފައިވާކަން ހާމަވެފައިވާއިރު، ރައީސް ޞާލިހްގެ ވެރިކަމުގައި އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި މިލިއަނުން ފައިސާ ވަނީ ދޫކޮށްފައެވެ. އަދި މި ސަރުކާރުން ވެރިކަމާ ހަވާލުވިފަހުން އެމްޑީޕީ ސަރުކާރުން ބަދަލުގެ ގޮތުގައި ދޭން ނިންމާފައިވާ ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ ދިނުން ހުއްޓުވާފައިވާ ކަމަށް ބަންޑާރަ ނައިބް ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން