އެމްޑީޕީ ފިޔަވައި ރާއްޖެއަށް ބޮޑެތި ބަދަލުތައް ގެނެވޭނެ އެހެން ޕާޓީއެއް ނެތް ކަމަށް ދިވެހި ރައްޔިތުން ގަބޫލު ކުރާކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ފައްޔާޒު މިހެން ވިދާޅުވީ އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހާއި ގުޅިގެން މިއަދު އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައެވެ. އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ވިދާޅުވީ ގައުމުގެ ހާލަތު ގޯސްވެ ކަންބޮޑުވާ ކޮންމެ ދަނޑިވަޅެއްގައި އާންމު ރައްޔިތުންގެ ފޯކަސް ހުންނަނީ އެމްޑީޕީއަށް ކަމަށެވެ. ރައްޔިތުންގެ އުއްމީދުތައް ގުޅިފައިވަނީ އެމްޑީޕީއަށް ކަަމަށް ފައްޔާޒު ވިދާޅުވިއެވެ. ފާއިތުވެދިޔަ 20 އަހަރުގެ ތެރޭގައި ގިނަ ކަންތައްތަކާއި ގޮންޖެހުންތަކާއި އެމްޑީޕީއަށް ކުރިމަތިވިކަން ފާހަަގަކުރަށްވަމުން ފައްޔާޒު ވިދާޅުވީ ދިވެހިރާއްޖެއަށް އެމްޑީޕީ ފިޔަވައި އެހެން ޕާޓީއަކަށް ބޮޑެތި ބަދަލުތައް ނުގެނެވޭނެކަން ދިވެހި ރައްޔިތުން ގަބޫލުކުރައްވާ ކަމަށެވެ.

"އެމްޑީޕީއަށް ނޫނީ މި ގައުމުގައި ބޮޑެތި ބަދަލުތައް ނުގެނެވޭނެކަން ދިވެހި ރައްޔިތުން ގަބޫލުކުރޭ. އަޅުގަނޑުމެން މި ވޭތުވެދިޔަ ވިއްސަކަށް އަހަރު ތެރޭގައި ވަރަށް ބޮޑެތި ކަންތައްތަކާއި ކުރިމަތިލައިފިން. އަޅުގަނޑުމެންގެ ގައުމު ބަދަލުކުރުމުގަ އާއި ޕާޓީގެ އެތެރޭގައި އެތައް ކަހަލަ ކަންތައްތަކެއް ހިނގައިގެން ގޮސްފި،" އެމްޑީޕީގެ އެތެރޭގައި ހިނގައިދިޔަ ކޯޅުމަށް އިޝާރަތް ކުރަށްވައި ފައްޔާޒު ވިދާޅުވި އެވެ.

މީގެެއިތުރުން ފައްޔާޒު ވިދާޅުވީ، އެމްޑީޕީއިން ރާއްޖެ ހަމަ މަގަށް އަޅުވާނެ ކަަމަށެވެ. އަދި ދިވެހިން އުންމީދުކުރާ ފަދަ ބޮޑެތި ބަދަލުތަކާ ދިމާލަށް ޤައުމު މިސްރާބުކުރަން މަސައްކަތް ކުރާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެމްޑީޕީން ނިކުންނަނީ ރާއްޖޭގެ މިސްރާބު އެހެން ދިމާލަކަށް ބަދަލުކޮށްލަން ގަދަކޮށް ތިބެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"ކުރިއަށް އޮތް ތަނުގައި ތިބޭފުޅުންނަށް ފެނިގެންދާނީ އެމްޑީޕީގެ މަސައްކަތުން އަނެއްކާ ވެސް ދިވެހިރާއްޖެ ހަމަ މަގަށް އަޅުވައި ދިވެހި ރައްޔިތުން އުންމީދުކުރައްވާފަދަ ބޮޑެތި ބަދަލުތަކާ ދިމާލަށް މި ގައުމު މިސްރާބުކުރާތަން،" ފައްޔާޒު ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖެއަށް ގެނެވުނު ބޮޑެތި ބަދަލުތައް ގެނެވުނީ އެމްޑީޕީގެ މެންބަރުންނާއި ޕާޓީއަށް ތާއީދު ކުރައްވާ ބޭފުޅުންގެ ބުރަ މަސައްކަތުން ކަން ފާހަގަކުރަށްވައި ފައްޔާޒު ވަނީ އެހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން