މިއީ ރިޔާސީ އިންތިހާބުގެ ވާހަކަ ދައްކަންވީ ވަގުތު ނޫން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ޕްރޮގުރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވީ ރިޔާސީ އިންތިޚާބާ ގުޅޭ ސުވާލުތައް މިވަގުތު ކުރަން ހެޔޮނުވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މި ދަނޑިވަޅުގައި އެމްޑީޕީގެ އިސް އަމާޒަކަށް ވާންޖެހެނީ ޕާޓީގެ އެންމެހައި މެންބަރުން އެއްބައިވަންތަކަމާއެކު މަސައްކަތްކުރެވޭނެ މަގުތައް ތަނަވަސްކުރުން ކަމަށެވެ.

އެގޮތުން ރިޔާސީ އިންތިޚާބު 2028 ވަނަ އަހަރު ބާއްވާއިރު އޭގެ ކުރިން އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕާޓީން ކާމިޔާބު ހޯދުމަށްޓަކައި، ޕާޓީގެ ހުރިހާ މެންބަރުންވެސް އެއްބާރުލުން ދީ، ކުރެވެންހުރި އެންމެހައި މަސައްކަތްތަކެއް ކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ސާލިޙް ވިދާޅުވިއެެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރަށްވާނަންތޯ ސުވާލު ދެއްނެވުމުން ރައީސް ސާލިޙް ވަނީ އެސުވާލަށް ޖަވާބު ދެއްވަން ދެކޮޅު ހައްދަވާފައެވެ.

"ތިއީ މިއަދު ކުރަން ހެޔޮވާ ވަރުގެ ސުވާލެއް ނޫން. އެމްޑީޕީއަށް 20 އަހަރު ފުރިގެން އަދި އަޅުގަނޑުމެންނާ ދުރުގައި ތިބި ބަޔަކު އައިސް އެމްޑީޕީއާ ގުޅިގެން އެކީގައި މަސައްކަތް ކުރަން ފަށާ ވަގުތެއްގައި ކުރާ ކަހަލަ ސުވާލެއް ނޫން ތިއީ." ކުރީގެ ރައީސް ސާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙް ވިދާޅުވީ ކުރީގައި ޕާޓީން ވަކިވެވަޑައިގެންނެވި ގިނަ ބޭފުޅުން މިހާރު އަނބުރާ ޕާޓީއާ ގުޅިވަޑައިގެންފައިވުމަކީ އުފާކުރަށްވާ ކަމެއް ކަމަށެެވެ. އަދި މިއީ އެންމެން އެކުގައި މަސައްކަތްކުރުމަށް ލިބިފައިވާ ޚާއްޞަ ފުރުޞަތެއް ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.

ރައީސް ސާލިޙް އިތުރަށް ވިދާޅުވީ 2028 ގައި ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ވާހަކަ އަކީ އަދި ފަހުގެ މަރުހަލާ އެއްގައި ހިނގާނެ ކަމެއް ކަމަށެވެ. އެކަމަށްޓަކާ ޝައުގުވެރިވާ މީހުން މިހާރު ވެސް މަސައްކަތް ކުރައްވާ ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ. އެހެން ނަމަވެސް މި ވަގުތު އެ މަސައްކަތްތައް މަޑުޖައްސާލެއްވުމަށް ފަހު އެކުގައި 2026ގެ ކައުންސިލް އިންތިޚާބަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން