އެމްޑީޕީ މިއަދާ ހަމައަށް ދެމިއޮތުމުގެ ސިއްރަކީ އެޕާޓީ ދޫކޮށްދިޔަ އެއްވެސް ފަރާތަކަށް އެ ޕާޓީ ހިފައިގެން ނުދެވުމުން ކަމުގައި ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އެމްޑީޕީގެ މިހާރުގެ އެޑްވައިޒަރު އިބްރާހިމް މުޙައްމަދު ޞާލިޙް ނުސީދާކޮށް ފާޑުވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ އެމްޑީޕީ ދެމިއޮތީ އެޕާޓީ ދޫކޮށްދިޔަ އެއްވެސް ފަރާތަކަށް އެ ޕާޓީ ހިފަހައްޓައިގެން ނުދެވުމުން ކަމަށެވެ. އެގޮތުން އެމްޑީޕީއާމެދު ހިތްހަމަނުޖެހިގެން ވަކިވާން ޖެހުނީ އެ ފަރާތްތަކުން ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.

"ކޮންމެ ބޭފުޅަކު ވެސް ގަބޫލު ކުރައްވަންވީ މިއީ ތިމަންނާގެ ޕާޓީކަން ވަކި މީހަކު ނެތިގެން މި ޕާޓީ އިރާދަކުރެއްވިއްޔާ ނެތި ނުދާނެކަން، ކޮންމެ މީހެއްގެވެސް ދައުރެއް އޮތްކަން، މިއަދު ވިހި އަހަރު ވީއިރުގައި އެމްޑީޕީން ވަނީ ހާމަކޮށްދީފައި، އެހެންވީމާ ހުރިހާ ބޭފުޅުން ވެސް މަސައްކަތް ކުރަންވީ އެ ބޭފުޅަކަށް ކުރެވެން އޮތް މަސައްކަތެއް އަމިއްލަ ގޮތުން މި ޕާޓީ ދެމެހެއްޓުމަށް ޓަކައި މިހާތަނަށް ވެސް ހިފެހެއްޓިފައި މި އޮތީ މިހެން ހަމައެކަނި ވަކި މީހެއްގެ ފަހަތުގައި ނޫޅެ ތިމާގެ ޕާޓީކަން މި ތިމާ ކުރަންޖެހޭ ކަންތައްތަކެއް އެބަ އޮތްކަން ހިތްވަރާއެކު ނިކުމެ މަސައްކަތް ކުރީމަ އަޅުގަނޑު ހިތުން އޮތް ނަތީޖާ ނިކުންނާނެ،" ރައީސް ސާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޞާލިޙް އިތުރަށް ވިދާޅުވީ، މިއީ އެމްޑީޕީގެ ތާރީޚުގައި ކަންހިނގަމުން އައި ގޮތް ކަމަށެވެ. މިގޮތުން، އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާޢީލް، ކުރީގެ ރައީސް ޑރ. މުޙައްމަދު މުނައްވަރު، ކުރީގެ ޗެއަރޕާސަން މޫސާ މަނިކު، އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޕާޓީން ވަކިވެވަޑައިގަތް ހާދިސާތައް ފާހަގަކުރެއްވިއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީން ވަކިވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނޭހެން ނަޝީދު އިސްކޮށް ހުންނަވައިގެން ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް ވަނީ އުފައްދާފައެވެ.

ޑިމޮކްރެޓްސް އަށް ދިޔަ އެމްޑީޕީގެ މެމްބަރުން އޭރު އެ ޕާޓީ އުފައްދާފައި ވަނީ އެމްޑީޕީގެ އެތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކަށް ފަހު އެ ޕާޓީން ވަކިވުމަށްފަހުއެވެ. އަދި ރައީސް ޞާލިހާއި ދެކޮޅަށް މިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ޑިމޮކްރެޓްސްގެ މެމްބަރުން ވަނީ މަސައްކަތް ކޮފައެވެ. ނަމަވެސް ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުން މިހާރު ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ޞާލިޙާއި ނަޝީދުގެ އިތުރުން، ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް، އަދި މަޖިލިސް މެންބަރު ޑރ. ޝަމްހީދު ހިމެނިވަޑައިގަންނަވައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން