ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެންބަރުކަމުން ވަކިވެފައިވާވާތާ ގިނަ ދުވަސްތަކެއްފަހުން ރާއްޖޭގެ ފުޓްބޯޅައިގެ ތާރީޚުގައި އެންމެ ކާމިޔާބު ދެ ކްލަބް ކަމަށްވާ، ނިއުރޭޑިއަންޓާއި ވިކްޓްރީއަށް އެފްއޭއެމްގެ މެންބަރުކަން ލިބިއްޖެއެވެ.

މި ދެ ކުލަބަށް އެފްއޭއެމްގެ މެންބަރުކަން އަލުން ލިބުނީ، މިއަދު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި ފުރަތަމަ ޑިވިޒަނާއި ދެވަނަ ޑިވިޝަނުގައި ކުޅޭ ކުލަބުތަކަކީ ވެސް އެފްއޭއެމްގެ މެންބަރު ކުލަބުތަކެއްކަމަށް ކަނޑައަޅައި އެފްއޭއެމްގެ އަސާސީ ގަވާއިދު އެގޮތަށް އިސްލާހު ކުރުމާއި ގުޅިގެނެވެ.

ކުޅުންތެރިންގެ މުސާރަ ނުދޭ މައްސަލައިގައި އެފްއޭއެމުން ނިއު ސަސްޕެންޑް ކުރަން ނިންމީ 2019 ޖެނުއަރީ މަހުއެވެ. އޭގެ އިތުރުން މުސާރައިގެ މައްސަލަ އާއި އިދާރީ ކަންކަމުގެ މައްސަލަތަކެއް ފާހަގަކޮށް ވިކްޓަރީ ސަސްޕެންޑްކުރީ، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ދެ ކްލަބްގެ ސަސްޕެންޝަން އުވާލީ މީގެ ދެ އަހަރު ކުރިންނެވެ.

ސަސްޕެންޝަން އުވާލުމާއި ގުޅިގެން އެެ ދުވަހުން ފެށިގެން ދެ ކުލަބުން ވެސް ދިޔައީ ފުރަތަަމަ ޑިވިޒަނަށް ކޮލިފައި ވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ވިކްޓަރީ ފުރަތަަމަ ޑިވިޝަނަށް ޕްރޮމޯޓްވެފައިވާއިރު، ނިއު އަދި ވެސް އޮތީ ދެ ވަނަ ޑިވިޝަނުގައެވެ. މީގެ ތެރެއިން ވިކްޓަރީ ވަނީ އެންމެ ފަހުން ބޭއްވި ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރުކޮށް، އެ މުބާރާތުގެ ޗެމްޕިއަންކަން، ހޯދި އޮޑި ސްޕޯޓްސް ކްލަބާ އެކު، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެފައެވެ.

މި ދެ ކުލަބު ސަސްޕެންޑު ކޮށްފައިވަނީ 2019 ވަނަ އަހަރު އެފްއޭއެމްގެ ރައިސް ބައްސާމް އަދީލް ޖަލީލާ ގުޅޭ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދަން އުޅުމުންނެވެ.

އަސާސީ ގަވާއިދަށް މިއަދު ގަނައި ބަދަލާ އެކު ފުރަތަމަ ޑިވިޝަން އޮންނާނީ 10 ކުލަބަކާ އެކުއެވެ. އަދި ދެވަނަ ޑިވިޝަނުގައި 13 ކުލަބެއް ހިމެނޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން