ފޮޓޯ: ސޯޝަލް މީޑިއާ
ފޮޓޯ: ސޯޝަލް މީޑިއާ
ތ. ތިމަރަފުށީގައި ކުރިއަށްދާ އެފްއޭއެމް ޒޯން ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުމަށް ތާވަލުކުރި މެޗުތަކަށް ރެފްރީން ހާޒިރުނުވުމާ ގުޅިގެން މެޗުތައް ކެންސަލްކޮށްފިއެވެ. މިކަމާ ގުޅިގެން ޓީމުތަކުގެ އޮފިޝަލުންނާއި ކުޅުންތެރިންގެ އިތުރުން ސަޕޯޓަރުންގެ މެދުގައި ވަނީ ބޮޑު ނުތަނަވަސްކަމަކާއި ކަންބޮޑުވުމެއް އުފެދިފައެވެ.

މިރޭ ކުޅުމަށް ހަމަޖެހިފައި އޮތީ ލ. ގަމާއި ތ. ވޭމަންޑޫ ބައްދަލުކުރާ މެޗުގެ އިތުރުން ގއ. ދެއްވަދޫއާއި އެ އަތޮޅު ވިލިނގިލި ވާދަކުރާ ފޯރިގަދަ ދެ މެޗެވެ. މި މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ގިނަ އަދަދެއްގެ ކުޅުންތެރިންނާއި ސަޕޯޓަރުން ތިމަރަފުއްޓަށް ޖަމާވެފައިވާއިރު، މެޗުތައް ފަސްކުރިކަން އެންގުމާ ގުޅިގެން، ތިމަރަފުއްޓަށް ދިއުމަށް ވޭމަންޑޫ ބަނދަރުމަތީގައި ތައްޔާރުވެގެން ތިބި ގިނަ އަދަދެއްގެ ސަޕޯޓަރުންނަށް ވެސް ދަތުރު ނުފެށި ވަނީ އެނބުރި ދާންޖެހިފައެވެ. ޓީމުތަކުން ތުހުމަތުކުރާ ގޮތުގައި މި މައްސަލަ ދިމާވާން މެދުވެރިވީ އެފްއޭއެމްގެ ޒިންމާދާރުކަން ކުޑަވުމުގެ ސަބަބުންނެވެ.

މި މައްސަލައާ ގުޅިގެން އެފްއޭއެމްގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި މެޗުތައް ކެންސަލްކުރަން ޖެހުނީ ރެފްރީން ދަތުރުކުރުމުގައި ދިމާވި ޓެކްނިކަލް މައްސަލަތަކަކާ ގުޅިގެންނެވެ. އެ އިދާރާއިން މިހާރު ވަނީ މި މެޗުތައް މާދަމާރޭ ކުޅޭ ގޮތަށް އައު ތާވަލެއް އެކުލަވާލާފައެވެ. އެގޮތުން ދެއްވަދޫއާއި ވިލިނގިލި ބައްދަލުކުރާ މެޗު މާދަމާރޭ 8:30 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ގަމާއި ވޭމަންޑޫ ވާދަކުރާ މެޗު ތާވަލުކޮށްފައިވަނީ މާދަމާރޭ 9:50 އަށެވެ.

އެކި ރަށްރަށުގައި ބާއްވާ ޒޯން މެޗުތައް އިންސާފުކުރުމަށް އެއް ރެފްރީންތަކެއް ދަތުރުކުރަން ޖެހުމަކީ މިފަދަ މައްސަލަތައް ތަކުރާރުވާ މައިގަނޑު ސަބަބު ކަމަށް ޓީމުތަކުން ފާހަގަކުރެއެވެ. މީގެ ކުރިން ވެސް ގަޑިއަށް މެޗުތައް ނުފެށުމާއި ޝެޑިއުލް ފަހަނައަޅައި ދިއުމުގެ ސަބަބުން ބައެއް ޓީމުތަކުން ވަނީ ބަޔާން ނެރެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިފަދަ ބޭއިންސާފު އަދި ނޭދެވޭ ކަންކަމުގެ ސަބަބުން ޓީމުތަކަށް އިދާރީ ގޮތުންނާއި މާލީ ގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭ ކަމަށް ވެސް އެ ފަރާތްތަކުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް