"ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
"ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
"ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ބައްދަލުކޮށް، ފިޓުޖެހޭ ބަލި (އެޕިލެޕްސީ) ތަޙައްމަލުކުރަމުންދާ ޒުވާން އަންހެނަކު، ޞިއްޙީ ފަރުވާގެ ނިޒާމުގެ ތެރެއިން އޭނާއަށް ކުރިމަތިވި ހިތްދަތި އިހުމާލުތަކާއި، ދިރިއުޅުމުގެ ދަތި ހާލަތުގެ ވާހަކަ ހިއްސާކޮށްފިއެވެ.

އޭނާ ކިޔައިދިން ގޮތުގައި، މި ބަލީގެ ޝިކާރައަކަށް އޭނާ ވާންޖެހުނީ 2011 ވަނަ އަހަރު ހިރިޔާ ސްކޫލުގެ ޕްރިންސިޕަލް ޢަލީ ނާޒިމާއި ބައެއް ދަރިވަރުން ނިޔާވި ހިތާމަވެރި ހާދިސާއާ ގުޅިގެން ލިބުނު ފުން ނަފްސާނީ ޝޮކަށް ފަހުގައެވެ. އޭރު ގްރޭޑް 10 ގައި ތަޢުލީމު ޙާޞިލުކުރަމުންދިޔަ އެ ޒުވާނާގެ ބަލި ކަށަވަރު ނުކުރެވި، ފަރުވާއަށް އިންޑިއާއަށް ދާންޖެހުނެވެ. އަދި 2020 ވަނަ އަހަރު ޑެންގޫ ހުން ޖެހި ހާލު ދެރަވި ދަނޑިވަޅުގައި، ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ތެރެއިން ބޮޑެތި އިހުމާލުތަކާ ކުރިމަތިލާން ޖެހުނު ކަމަށް އޭނާ ބުންޏެވެ. އެގޮތުން، ހުޅުމާލެ ހޮސްޕިޓަލުގައި ނާރުގެ ޚާއްޞަ ޑޮކްޓަރެއް ނެތިގެން މާލޭގެ ބޮޑެތި ހޮސްޕިޓަލްތަކަށް ގެންދިޔަ ނަމަވެސް އައިސީޔޫގެ އެނދެއް ނުލިބުނު ކަމަށާއި، ތަކުރާރުކޮށް ފިޓުޖެހެމުން ދިޔައިރުވެސް އެމްއާރުއައި ނުހަދައި، އަމިއްލަ ޒިންމާގައި ދޫކޮށްލުމަށް ހޮސްޕިޓަލުން އެންގިކަން އޭނާ ހިތާމައާއެކު ފާހަގަކުރިއެވެ.

ރާއްޖެއިން އެކަށޭނަ ފަރުވާއެއް ނުލިބިގެން އިންޑިއާގެ މަނިޕާލް ހޮސްޕިޓަލަށް ދެއްކުމުން، އޭނާއަށް އުމުރާ ނުބައްދަލު މިންވަރަކަށް ބޭސް ދެވި 'އޯވަރޑޯޒް' ވެފައިވާކަން އެނގުނު ކަމަށް އޭނާ ބުންޏެވެ. އަދި އޭގެ ފަހުން އާންމުންގެ އެހީތެރިކަމާއެކު ބެންކޮކަށް ގޮސް ހެދި ޓެސްޓުތަކުން "ފްރަންޓަލް ލޯބް އެޕިލެޕްސީ" ހުރިކަން އެނގުނުއިރު، ބަލި ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އޭނާ ހާމަކުރިއެވެ. މީގެއިތުރުން، އާސަންދައިގެ އެހީ ނުލިބުމުގެ ސަބަބުން، ކޮންމެ ހަ މަހަކުން ބެންކޮކަށް ފަރުވާއަށް ދަނީ ލޯނު ނަގައިގެން ކަމަށާއި، އޭގެ ސަބަބުން ބޭންކުތަކަށް މިހާރުވެސް ފަސް ލައްކައެއްހާ ރުފިޔާ ދައްކަން ޖެހިފައިވާ ކަމަށް އޭނާ ކިޔައިދިނެވެ.

މި ޒުވާނާ މިވަގުތު އިންތިޒާރު ކުރަމުންދަނީ އާ ދިރުމަކަށެވެ؛ އޭނާ އިނީ ބަލިވެއެވެ. ނަމަވެސް، ފިޓުޖެހޭ ބައްޔަށް ބާރުގަދަ ބޭސްތަކެއް ބޭނުންކުރަން ޖެހުމާއެކު އޭނާގެ ޞިއްޙީ ހާލަތު އޮތީ ނާޒުކު ފައްތަރެއްގައެވެ. މި ހުރިހާ ތަކުލީފުތަކާ އެކުވެސް، 18 އަހަރު ނުފުރޭ ތިން ކުދިން ގޮވައިގެން އޭނާ ދިރިއުޅެމުން ދަނީ އެންމެ 10 ފޫޓު 10 ފޫޓުގެ ކުޑަ ކޮޓަރިއެއްގައެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން ދެ ފަހަރެއްގެ މަތިން ފުރުޞަތު ލިބި، ޝަރުޠު ހަމަވި ނަމަވެސް ފަހު ވަގުތު ލިސްޓުން ނަން އުނިވެފައިވާތީ، މައުޞޫމު ދަރިންގެ ޙައްޤުގައި ބޯހިޔާވަހިކަމެއް ހަމަޖައްސައިދިނުމަށް އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އާދޭހާއެކު އެދިފައެވެ.

އެ ޒުވާނާގެ ވާހަކަތައް ވަރަށް ގާތުން އަޑުއެއްސެވުމަށްފަހު، މިކަންކަން ހިނގައިދިޔަ ގޮތް ތަޙުޤީޤުކުރައްވައި، ކަންކަން ބައްލަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް