"ރައްޔިތުންގެ އަޑު" ޕްރޮގްރާމް ތެރެއިން
"ރައްޔިތުންގެ އަޑު" ޕްރޮގްރާމް ތެރެއިން
ދޮށީ އުމުރުގެ ފަރާތްތަކަށް ލޯނު ހޯދުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް ލުޔެއް ހޯއްދަވައިދެއްވުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ލޯނު ދޫކުރާ އެންމެ ދޮށީ އުމުރުފުރާ މުރާޖައާކުރުމަށް އެދިވަޑައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި ޢާންމު ރައްޔިތަކު ވަނީ، ލުއި ލޯނުގެ ފުރުޞަތުތައް ފަހިވަމުން އައި ނަމަވެސް، އުމުރުން ދުވަސްވީ މީހުންނަށް ލޯނު ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން ގެދޮރު ޢިމާރާތްކުރުމަށް ބޮޑެތި ހުރަސްތަކާ ކުރިމަތިލާންޖެހޭކަން ފާހަގަކޮށްފައެވެ. އަދި ދަރިންގެ ނަމުގައި ލޯނު ނެގުމަށް ބެލިކަމުގައި ވިޔަސް، މަތީ ތަޢުލީމުގެ ލޯނާއި އެހެނިހެން މާލީ އިލްތިޒާމުތަކުގެ ސަބަބުން އެ މަގުވެސް ބަންދުވެފައިވާ ކަމުގެ ކަންބޮޑުވުން އެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ.

މި ކަންބޮޑުވުންތަކަށް ރިޢާޔަތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިންގެ ދިރިހުރުމުގެ އެވްރެޖް އުމުރު މިހާރު ގާތްގަނޑަކަށް 80 އަހަރަށް އަރާފައިވާއިރު، ބީއެމްއެލް އިން ލޯނު ދޫކުރުމުގައި ޢަމަލުކުރަމުންދާ 60 އަހަރުގެ މިންގަނޑަކީ އެންމެ އެކަށީގެންވާ އުޞޫލެއް ނޫން ކަމަށެވެ. އެހެންކަމުން، މި ލިމިޓް 65 އަހަރަށް ނުވަތަ އެއަށްވުރެ މައްޗަށް މުރާޖައާކޮށްދެއްވުމަށް ބޭންކަށާއި މިނިސްޓްރީ އޮފް ފައިނޭންސަށް ހުށަހަޅުއްވާފައިވާނެ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.

މީގެއިތުރުން، މި މައްސަލައާ ގުޅިގެން މިހާރުވެސް ބައެއް ހެޔޮ ބަދަލުތައް އައިސްފައި ހުރުން އެކަށީގެންވާ ކަމަށާއި، ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން މިކަމަށް އެދެވޭ ދާއިމީ ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް